ޚަބަރު

"ބޮޑުކަންނެލީގެ ޒަމާންވީ ކަންބޮޑުވުންތަކަށް އަލި މަގެއް ފެންނަން ފެށީ މިދައުރުގައި"


  • ބޮޑުކަންނެލީގެ މަސްވެރިންނަށް ދިމާވާ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރާތާ އެތައް އަހަރެއް

  • ހުރިހާ ކަންބޮޑުވުމަކަށް ވެސް ހައްލު ހޯދައިދޭނެ ކަމަށް ސަރުކާރުން ވިދާޅުވޭ

  • ބައެއް ކަންކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފަށާފައި

ބޮޑު ކަންނެލީގެ މަސްވެރިން ފާޅުކުރަމުންދާ ޝުޢޫރުތަކާއި އެމީހުން ފާހަގަކުރަމުންދާ ކަންބޮޑުވުންތަކަކީ އެހައް ދުވަހު ފާހަގަކުރަން ފެށި ޝުޢޫރުތަކަކާއި ކަންބޮޑުވުންތަކެއް ނޫނެވެ. ދިމާވާ އެކި މައްސަލަތަކާ ގުޅިގެން ސަރުކާރުތަކާ މަޝްވަރާކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ކޮންމެ ފަހަރަކުވެސް މަޝްވަރާކުރަމުންދަނީ އެއްކަހަލަ ކަންތައްތަކަކާ ބެހޭގޮތުންނެވެ. އައިސް ލިބުމުގައި ހުރި ދަތިތަކުގެ ވާހަކައެވެ. ކަންނެލި ގަންނަ އެންމެ ކުޑަ އަގެއް ކަނޑައަޅައި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ފައިސާ ލިބޭނެ ގޮތެއް ފަހިކޮށްދިނުމަށް މަސްވެރިން ދިޔައީ ގޮވާލަމުންނެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު އަންނަ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުންތައް ޙިއްސާކޮށް، ޝުޢޫރު ފާޅުކުރުމަށް އިހުތިޖާޖުކުރެއެެވެ. މިގޮތަށް ކޮންމެ ފަހަރަކުވެސް އިހުތިޖާޖުކުރަން ފެށުމުން ވެރިން، މަސްވެރިންގެ ގާތަށް ގޮސް ކަންބޮޑުވުންތައް އަޑު އައްސަވައެވެ. އަދި ހައްލު ކޮށްދެއްވާނެކަމަށް ވިދާޅުވެއެވެ. ނަމަވެސް ޢަމަލީ ސިފަ ޖެހިގެންދާތަން މިއަދާ ހަމައަށްވެސް ފެނިފައެއް ނުވެއެވެ. އޭގެ ނަތީޖާއަކީ ޒަމާންވީ މި މައްސަލައަށް އަދާ ހަމައަށްވެސް ހައްލެއް ހޯދިފައިނުވުމެވެ. އަދިވެސް ކަންބޮޑުވުން ފާޅުކުރަމުންދިއުމެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވެސް ބޮޑުކަންނެލީގެ މަސްވެރިންނާ ބައްދަލުކުރެއްވިއެވެ. މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށާއި ބޮޑުކަންނެލީގެ މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ބޭރުގެ އައު މާކެޓްތަކަށް މަސް ވިއްކޭނެ ފުރުސަތުތައް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

މިއީ 2021 ވަނަ އަހަރު ބޮޑުކަންނެލީގެ މަސްވެރިންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވި ވާހަކަފުޅެކެވެ. ނަމަވެސް 5 އަހަރު ދުވަހުގެ ދައުރު ނިމިގެންދިޔައިރު، ބޮޑުކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑެތި ކަންބޮޑުވުންތަކަށް އޮތީ ހައްލެއް ހޯދައިނުދެވިއެވެ. މީގެ އިތުރުން ހަމައަގު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވިއިރު، ވެރިކަން ނިމިގެންދިޔައިރު މަސްވެރިންނަށް ނުދީ އޮތް 230 މިލިޔަން ރުފިޔާއިން ސަރުކާރު އޮތީ މަސްވެރިންނަށް ދަރާފައެވެ.

މިފަދަ ޙާލަތެއްގައި މަސްވެރިން ތިއްބާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ކިރާ މަހަށް ފައިސާ ދޫކުރާނެ ކަމުގެ ވަޢުދާއެކުއެވެ. މަސްވެރިންނަށް ދިމާވެފައިވާ ޒަމާންވީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ވަޢުދާއެކުއެވެ. ދިވެހި އިޤުތިޞާދުގެ މައި ލޭނާރަށް މަސްވެރިކަން ހައްދަވައިދެއްވާނެކަމަށް ވިދާޅުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ކުރީ ސަރުކާރުން ނުދީ އޮތް 230 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށް، މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މިއަދާ ހަމައަށްވެސް ބޮޑުކަންނެލީގެ މަސްވެރިން ފާޅުކުރަމުންދާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހަމައަގުގައި ކަންނެލި ނުގަތުމެވެ. މިހާރު ބޮޑުކަންނެލި ގަންނަމުން އަންނަނީ އަމިއްލަ ކުންފުނިތަކުންނެވެ. މަސްވެރިން ބޭނުންވަނީ ސަރުކާރުން މަސް ގަތުމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ލިބޭނެ ހައްލެއް ހޯދައިދިނުމަށެވެ. ކުންފުނިތަކުން މަސްވެރިންނަށް ފައިސާ ދިނުން ވަރަށް ބޮޑަށް ލަސްވުމަކީވެސް، ބޮޑު ކަންބޮޑުވުމެކެވެ.

މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ހުޅުމާލޭގައި މަސް ޕްރޮސަސިން ފެސިލިޓީއެއް އަޅައި ބޮޑުކަންނެލި ސަރުކާރުން ގަތުމަށް ތައްޔާރުވުމެވެ. މިގޮތުން އަންނަ މަހު މި ފެސިލިޓީގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

"ހުޅުމާލޭ ބަނދަރުން 25 ހާސް އަކަފޫޓު ޖާގަ މިވަނީ ހޯދާފައި. އެޗްޑީސީން ބިން ލިބުނީ އިއްޔެ. އައިއެސްޖީބީއާ މަޝްވަރާކުރީ. ފަންޑު ވެސް ހަމަޖެހުނު. އަވަހަށް ފަށަންވެގެން އަޅުގަނޑުމެން މި ނިންމީ ޕީއެސްއައިޕީ މޮޑެލްއަށް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށްގެންދަން. ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްފައި އިކޮނޮމިކް ކައުންސިލަށްވާނީ ފޮނުވިފައި. ކަރުދާސް ނިމި ކޮންޓްރެކްޓަރާ އެއްކޮށް ސޮއިކުރުމަށްފަހު ޖެނުއަރީ މަހުގެ ކުރީކޮޅު ޢަމަލީ މަސައްކަތް ފެށޭނެ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ހުޅުމާލޭގައި އަޅައި ފެސިލިޓީއާއެކު ބޮޑުކަންނެލީގެ މަސްވެރިންގެ މި ކަންބޮޑުވުމަށް ދެމެހެއްޓެނިވި ހައްލެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.

ބޮޑުކަންނެލީގެ މަސްވެރިން ފާޅުކުރަމުންދާ އަނެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ތެޔޮ ނުލިބުމެވެ. މިކަމަށް ވެސް ހައްލު ހޯދުމުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ އަމާޒަކީ، އަންނަ މާރިޗު މަހުގެ ނިޔަލަށް ކޮންމެ އަތޮޅަކުންވެސް ރަށެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ ސްޓޭޝަނެއް ޤާއިމުކުރުމެވެ. މި މަސައްކަތުގެ ދަށުން މަސްވެރިންނަށް އަގުހެޔޮކޮށް "އެސްޓީއޯ ރޭޓު"ގައި ތެޔޮ ފޯރުކޮށްދޭ ފުރަތަމަ ޝެޑް ރ. ދުވާފަރުގައި މިމަހުގެ 13 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ދެން އޮތް ކަންބޮޑުވުމަކީ އައިސް ލިބުމުގައި ދިމާވާ ދަތިތަކެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މި ސަރުކާރުން ގެންގުޅޭ ވިސްނުން ތަފާތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ވަކިވަކިން ރަށްރަށުގައި އައިސް ޕްލާންޓްތައް ޤާއިމުކުރުމުގެ ބަދަލުގައި، އެ ފެސިލިޓީތައް ހުންނަ ރަށްރަށަށް ނުގޮސް އިތުރަށް ތެޔޮ ޚަރަދެއް ނުކޮށް، ސީދާ އޮޑިން އައިސް ލިބޭނެ ނިޒާމެއް ޤާއިމުކުރެއްވުމަށެވެ. އެގޮތުން ލޮނުފެނުން މަސް ފިނިކުރާ ނިޒާމު، އާރުއެސްޑަބްލިޔު ސިސްޓަމްތައް އޮޑިފަހަރުގައި ހަރުކުރުމަށް ލުއި ލޯނުތައް ސަރުކާރުން ދަނީ ދެއްވަމުންނެވެ.

މިފްކޯއިން މި ސިސްޓަމްތައް އޮޑިފަހަރުގައި ހަރުކޮށްދެއެވެ. މިއީ އައިސް ލިބުމުގައި ދިމާވާ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް އަންނާނެ ކަމެކެވެ. އާރުއެސްޑަބްލިޔު ސިސްޓަމްތައް ހަރުކުރަމުންދިޔަ ނަމަވެސް، ރަށްރަށުގައި އައިސް ޕްލާންޓްތައް ހެދުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.

މަސްވެރިކަމުގެ ސިނާޢަތަކީ ޒަމާނުންސުރެ ދިވެހިންގެ އާދަކާދައާއި ސަގާފަތާއި ދިރިއުޅުމާ ގުޅިފައިވާ ދިވެހިންގެ މަސައްކަތެވެ. ޒަމާނީ ޓެކްނޮލޮޖީއާއެކު މި ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ދުނިޔެ ދެކެމުން އަންނައިރު، ބަވަނަވަމުންދާ ވަރަކަށް މި މަސައްކަތުގައި ފައިތިލަ ސާބިތުކުރުމަކީ ސަރުކާރުގެ އަމާޒެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކުގެ އިތުރުން ހުރިހާ ބާވަތެއްގެ މަސްވެރިންގެ ކަންބޮޑުވުންތަކާއި މަސްވެރިންނަށް ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އަމާޒެވެ. މިގޮތުން ޒަމާނުންސުރެ ބޮޑުކަންނެލީގެ މަސްވެރިންނަށް ދިމާވަމުން އަންނަ މައްސަލަތަކަށް ހައްލު ހޯދައިދީ، ފަހި މަގެއް ތަނަވަސްވަމުންދާކަމުގެ މަލިމަތި މި ދައުރުގެ ތެރޭގައި މިވަނީ ފެންނަން ފަށާފައެވެ.