ޚަބަރު

އިންސާނީ ވަގުފާރި ހުއްޓުވުމަށް އަމާޒުކޮށް ފުލުހުން ތަމްރީނުކުރުން


އިންސާނީ ވަގުފާރި ހުއްޓުވުމުގައި ފުލުހުންގެ ދައުރާއި، ތަޙުޤީގު ކުރުމުގައި ޢަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ފުލުހުން ތަމްރީނު ކުރައްވައިފިއެވެ.

މި ތަމްރީނު ދެއްވީ، އިންޓަރނޭޝަނަލް އޯގައިނޭޒަޝަން ފޮރ މައިގްރޭޝަން، އައިއޯއެމްއާއި ފުލުހުން ގުޅިވަޑައިގެން ބޭއްވެވި 5 ދުވަހުގެ މަސައްކަތު ބައްދަލުވުމެއްގައެވެ. މިތަމްރީނު ޕްރޮގްރާމްގައި މީހުން ޓްރެފިކް ކުރުމުގެ ކުށާއި ގުޅޭގޮތުން ތަޙުޤީގު ކުރުމާއި، މީހުން ޓްރެފިކްކުރުމާ ގުޅިގެން ލިބޭ ރިޕޯޓްތަކަށް އިޖާބަދީ ތަޙުޤީގު ކުރުމުގައި ޢަމަލުކުރާނެ ގޮތްތަކާއި، މިފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިވެދޭނެ ގޮތްތަކާއިގުޅޭ މަޢުލޫމާތު ދެއްވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އިންޓެލިޖަންސް މަޢުލޫމާތު ބޭނުންކުރާނެ ގޮތާއި މިފަދަ ކުއްތައް ތަޙުޤީގު ކުރުމުގައި މިހާރަށްވުރެ ހަރުދަނާކުރާނެ ގޮތާގުޅޭ ފަންނީ ތަމްރީނުތައް ދެއްވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ބައްދަލުވުމުގެ ބައިވެރިންނަށް ސެޓްފިކެޓް ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހޯމްއެފެއަރޒް އަޒްލީން އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، ހިއުމަން ޓްރެފިކިންގ މައްސަލައަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ ފަދަ ފަތުރުވެރިކަން ފުޅާވެފައިވާ ޤައުމެއްގައި މިފަދަ ކުށް މަދުކުރުމަށް ބާރުއަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ. ހޯމް މިނިސްޓަރ ވިދާޅުވީ، ހިއުމަން ޓްރެފިކިންގއާއި، ޓެރަރިޒަމް ފަދަ ބޮޑެތި ކުއްތައް ތަޙުޤީގު ކުރުމުގައި ޙަރަކާތްތެރިވާ ފުލުހުންނަކީ މައްސަލަތައް ތަޙުޤީގު ކުރުމުގެ ހުނަރާއި ތަމްރީނު ލިބިގެން ތިބި ބަޔަކަށް ހެދުމަށް މިފަދަ ބައްދަލުވުންތަކަކީ މުހިންމު ބައްދަލުވުންތަކެއް ކަމަށެވެ.

ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުމުގެ ޤާނޫނާއި ބައިނަލްއަޤްވާމީ ގޮތުން އެކަށެއެޅިފައިވާ އުސޫލުތަކާއި ބެހޭ ގޮތުން މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވި ފުލުހުންނަށް މަޢުލޫމާތު ދެއްވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ޕްރޮގްރާމްގައި ފުލުހުންނަށް ތަމްރީނު ދެއްވާފައިވަނީ ބައިނަލްއަޤްވާމީ ތަޖުރިބާކާރެއް ކަމަށްވާ ޕީޓަރ ބްރަޔަންޓެވެ. މީގެއިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ކަމާގުޅޭ ތަޖުރިބާކާރުން، އެދާއިރާތަކާއި ގުޅޭ ގޮތުން ސެޝަންތަކެއް ނަންގަވާދެއްވާފައިވެއެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށްޓެވި މި ތަމްރީނު ޕްރޮގްރާމްގައި ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުން 25 ފުލުހަކު ބައިވެރިކުރެއްވިއެވެ. މި ތަމްރީނު ޕްރޮގްރާމް ހިންގެވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފީސް ޓު މޮނިޓަރ އެންޑް ކޮމްބެޓް ޓްރެފިކިންގ އިން ޕަރސަންސްގެ އެހީތެރިކަމާއެކުގައެވެ.