ޚަބަރު

ތޫފާނުގައި ސުމާތުރާގައި ލިބުނު ގެއްލުންތަކުން އަރައިގަނެ، ޢާންމު ޙާލަތަށް ގެންނަން ދެތިން މަސް ނަގާނެ


އިންޑޮނޭޝިޔާގެ ސުމާތުރާއަށް ބާރުގަދަ ތޫފަނެއް އަރައި، ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވެ، ލިބުނު ގެއްލުންތަކުން އަރައިގަނެ، ޢާންމު ޙާލަތަށް އެނބުރި އަންނަން ދެ ތިން މަހެއްހާ ދުވަސް އަދި ނަގާނެކަމަށް އެ ޤައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ވިދާޅުވެއްޖެއެވެ.

އިންޑޮނޭޝިޔާއަށް މިދިޔަ މަހުގެ ފަހުކޮޅު އެރި ތޫފާނުގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމުގެ ހާދިޘާތަކާއި ޗަކަ ފޭބުމުގެ ހާދިޘާތަކުގައި 1،030 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އަދި އެ ހާދިޘާތަކުގައި 200އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ސުބިއަންތޯ ވިދާޅުވީ، ސުމާތުރާގައި ގެއްލުންތައް ލިބިފައިވާ ސަރަޙައްދުތައް ޢާންމު ޙާލަތަށް ގެނައުމަކީ ފަސޭހަ މަސައްކަތެއް ނޫން ކަމަށާއި، އެކަމަށް ދެތިން މަސް ދުވަސް ހޭދަވާނެ ކަމަށެވެ.

އަދި މި ހާދިޘާތަކުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން އިމާރާތްކުރުމުގެ މަސައްކަތް ދާދި އަވަހަށް ފަށާނެކަމަށް ސުބިއަންތޯ ވިދާޅުވިއެވެ.

ވަގުތީބޯހިޔާވަހިކަމުގެ އިތުރުން، ޢާންމު ޚިދުމަތުގެ ބައެއް ވަޞީލަތްތައް އަލުން ބިނާކުރުމުގެ މަސައްކަތަށް ތިން ބިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ހޭދަވާނެކަމަށް އިންޑޮނޭޝިޔާގެ ސަރުކާރުން މީގެކުރިން ވަނީ ލަފާކޮށްފައެވެ.

ތިމާވެއްޓާ ބެހޭ ޖަމްޢިއްޔާތަކުން ޤަބޫލުކުރާ ގޮތުގައި ތޫފާނުގެ ސަބަބުން އިންޑޮނޭޝިޔާގެ ޙާލަތު އެހާ ބޮޑަށް ގޯސްވީ މައިން ކުރުމުގެ ސަބަބުންނާއި ގަސްކަނޑައި ޖަންގަލިތައް ހުސްކުރުމުގެ ސަބަބުންނެވެ. ފެންބޮޑުވި ބައެއް ސަރަޙައްދުތަކުން ގަސް ކަނޑާފައިވާ ކަމަށް ޝައްކުކުރެވޭ ބައެއް ކުންފުނިތައް އިންޑޮނޭޝިޔާގެ ސަރުކާރުން ދަނީ ތަހުޤީޤުކުރަމުންނެވެ.

ސުބިއަންތޯ ވިދާޅުވި ގޮތުގައި، އެ ތަޙުޤީޤުން ޤަވާޢިދާ ޚިލާފަށް ޢަމަލުކޮށްފައިވާ ކުންފުނިތަކުގެ ޙުއްދަތައް ސަރުކާރުން ބާތިލުކުރާނެއެވެ.