ޚަބަރު

ފެމިލީ ކޯޓުން އަންނަ އަހަރު ކައިވެނި ކޮށްދޭނެ ގަޑިތައް އާންމުކޮށްފި


  • ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ހަވީރު 3:00ން ރޭގަނޑު 9:30އަށް

  • ހޮނިހިރު ދުވަހު ކައިވެނި ކޮށްދޭނީ ހެނދުނު 10:00ން ރޭގަނޑު 9:00އަށް

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމަށް ހަމަޖައްސައި، ކައިވެނި ކޮށްދޭނެ ގަޑިތައް އެ ކޯޓުން އާންމުކޮށްފިއެވެ.

ރަސްމީ ދުވަސްތަކާއި ހުކުރު ހޮނިހިރު ފިޔަވައި ބަންދު ދުވަސްތަކުގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން 11:30އަށެވެ. އަދި މެންދުރު 1 އިން 1:30އަށެވެ. އަދި ހަވީރު 3:00 އިން ރޭގަނޑު 9:30އާ ހަމައަށް ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ގަޑިތައްވެސް ފެމިލީ ކޯޓުން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން އަންނަ އަހަރު ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ހަމަޖެހިފައިވަނީ، ހަވީރު 3:00އިން ރޭގަނޑު 9:30އާ ދެމެދުގައެވެ.

މީގެއިތުރުން އެ ކޯޓުން ވަނީ، ހަފްތާ ބަންދުގައިވެސް ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފައެވެ. ހުކުރު ދުވަހު ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ، ހަވީރު 3:00އިން ރޭގަނޑު 9:30އަށެވެ.

އަދި ހޮނިހިރު ދުވަހު ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ، ހެނދުނު 10:00 އިން ރޭގަނޑު 9:00އަށެވެ.

ފެމިލީ ކޯޓުން ވިދާޅުވީ، ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑިތައް، އެކަަމަށް އެދި ހުށަހެޅުމުން ކޯޓުގެ ވަގުތުތަކާއި ހުށަހަޅާ ފަރާތްތަކުގެ ވަގުތުތަކަށް ރިޢާޔަތްކޮށް ހަމަޖައްސާނެ ކަމަށެވެ.

އަދި އަންނަ އަހަރުގެ ރަމަޟާން މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައް ކޯޓުން ފަހުން އިއުލާނު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.