ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅޭ ފުލުހުންނަށް ކުރިއަށްގެންދާ އަސާސީ ތަމްރީން ކޯހުގެ 41ވަނަ ބެޗުގެ ކިޔެވުން ނިންމައި ޝަރަފުގެ ހިނގާލުން ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނާވީނާއި، ބޭރުގެ ސަފީރުންނާއި، ފުލުހުންގެ މުއައްސަސާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިދިޔަ އޯގަސްޓް މަހު އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ މަރުކަޒުގައި ފެށި މި ކޯހުގައި 210 ފުލުހުން ބައިވެރިވިއެވެ. ނަމަވެސް ކޯސް ފުރިހަމަ ކުރީ 185 ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ 107 ފިރިހެން ފުލުހުންނާއި 78 އަންހެން ފުލުހުންނެވެ.
ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ގއ، ގެމަނަފުށީ އުމުރުން 22 އަހަރުގެ އިމްޝާ ޢަބްދުއްލަތީފެވެ. އެންމެ މޮޅު ދަރިވަރަށް ދޭ ހަނދާނީ ފިލާ ހަވާލުކުރެއްވީ ވަޒީރު އަލީ އިޙްސާނެވެ.
ކޯހުގެ އެއްވަނަ ހޯދުމާއެކު، އިމްޝާއަށް ވަނީ ކޮމިޝަނަރސް އެކްސެލެންސް އެވޯޑުވެސް ލިބިފައެވެ. މި އެވޯޑު ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީނެވެ.
މި ރަސްމިއްޔާތުގައި އިންޑޯ އަދި އައުޓްޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރުންނާއި ސްކުއަޑްތަކުން އެންމެ މޮޅު ދަރިވަރުންވެސް ވަނީ ހޮވާފައެވެ. ކޯހުގެ އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ، ސަރޖެންޓް މަރިޔަމް ލުއުލުއާ މުޙައްމަދެވެ. އައުޓްޑޯ މާއްދާތަކުން އެއްވަނަ ހޯދީ، ކޮންސްޓަބަލް އަލްޔާ އަހުމަދެވެ.
މި ރަސްމިއްޔާތުގައި އައިނެއްލާ ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ސަމްރާ ހޮވިފައިވާއިރު އަންބަރީ ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓެބަލް އަނަސް މުޙައްމަދު ޤާސިމް، ބީފާން ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް ސަރޖަންޓް މަރިޔަމް ލާޝާ އާދަމް، ހާޖީ ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް ސަރޖަންޓް މަރިޔަމް ލުއުލުއާ މުޙައްމަދު އަދި ރަންވިއްކާ ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް އިމްޝާ އަބްދުއްލަތީފް ވަނީ ހޮވިފައެވެ. މިފަހަރުގެ ކޯހުގައި ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްކޮޑަކަށް ހޮވިފައިވަނީ، އައިނެއްލާ ސްކޮޑެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ޤާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ޤާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދެއެވެ.