ޚަބަރު

އިއްޔެ އެކަނިވެސް މަސްވެރިންނަށް 6.1 މިލިޔަން ރުފިޔާ


  • މިއީ މިފްކޯއަށް މަސްކިރުވާފައިވާ 92 ދޯންޏަކަށް ދޫކޮށްފައި ފައިސާ

  • ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުން

ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރި ކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 11ވަނަ ދުވަހު މިފްކޯއަށް މަސް ކިރުވި 92 ދޯންޏަކަށް މިމަހުގެ 13 ވަނަ ދުވަހު 6.1 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެެވެ. މިއީ، ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި ދުވަސް ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މީގެ ކުރިން މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ފެބްރުއަރީ މަހުގެ 12ވަނަ ދުވަހުއެވެ. އެދުވަހު މިފްކޯއިން ވަނީ މަސްވެރިންނަށް މުޅި ޖުމްލަ 7.65 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.

މިމަހުގެ މިހާތަނަށް މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު:

ޑިސެންބަރު 1 : 2.3 މިލިޔަން ރުފިޔާ
ޑިސެންބަރު 2 : 2.6 މިލިޔަން ރުފިޔާ
ޑިސެންބަރު 3 : 2.5 މިލިޔަން ރުފިޔާ
ޑިސެންބަރު 4 : 3.8 މިލިޔަން ރުފިޔާ
ޑިސެންބަރު 5 : 4.1 މިލިޔަން ރުފިޔާ
ޑިސެންބަރު 6 : 5.6 މިލިޔަން ރުފިޔާ
ޑިސެންބަރު 7 : 3.5 މިލިޔަން ރުފިޔާ
ޑިސެންބަރު 11 : 3.9 މިލިޔަން ރުފިޔާ
ޑިސެންބަރު 12 : 2.9 މިލިޔަން ރުފިޔާ
ޑިސެންބަރު 13 : 6.1 މިލިޔަން ރުފިޔާ

މި ސަރުކާރުން ދަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގައި މަސް ރައްކާ ކުރުމުގެ ޤާބިލްކަން ދެގުނަ ކުރުމާއި، ޕްރޮސެސިންގެ ފެސިލިޓީތަކުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން މި ސިނާޢަތް ސިންދަފާތު ކުރުމަށްވެސް ޕްލޭންތައް ހަދައި މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަށް މަސްވެރިކަން ހެދުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.