ޚަބަރު

މަސްކެނޑުމުގެ މުބާރާތުގެ 1 ވަނަ ޢަލީ ނައީމާއި އައިޝަތު ޢަލީއަށް


  • މިމުބާރާތުގައި 13 އަންހެނުންނާއި 6 ފިރިހެނުން ބައިވެރިވި

  • މިއީ މަސްވެރިންގެ ދުވަސް ފާހަގަކުރަން ކުރިއަށް ގެންދިޔަ ހަރަކާތެއް

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ.ދުވާފަރުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތުގެ 1ވަނަ، ފިރިހެނުންގެ ކެޓަގަރީއިން އަލީ ނައީމް އަދި އަންހެނުންގެ ކެޓަގަރީއިން އާއިޝަތު ޢަލީ ހޯދައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ، އަންހެން އަދި ފިރިހެން ހިމެނޭހެން ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގައި އަންހެނުންގެ ކެޓަގަރީއިން 13 މީހުން އަދި ފިރިހެނުންގެ ކެޓަގަރީގައި 6 މީހުން ބައިވެރިވެފައިވެއެވެ.

އަންހެނުންގެ ކެޓަގަރީ:

1 ވަނަ – އާއިޝަތު ޢަލީ، 1 މިނެޓު 54 ސިކުންތު – 10000 ރުފިޔާ
2 ވަނަ – ފާތިމަތު އިރުޞާދާ، 2 މިނެޓު 21 ސިކުންތު – 5500 ރުފިޔާ
3 ވަނަ – ޚަދީޖާ އިބްރާޙިމް، 2 މިނެޓު 38 ސިކުންތު – 3500 ރުފިޔާ

ފިރިހެނުންގެ ކެޓަގަރީ:

1 ވަނަ – ޢަލީ ނައީމް، 1 މިނެޓު 49 ސިކުންތު – 10000 ރުފިޔާ
2 ވަނަ – ޢަލީ އިބްރާޙިމް – 2 މިނެޓު 2 ސިކުންތު – 5500 ރުފިޔާ
3 ވަނަ – އަޙްމަދު އިބްރާޙިމް – 2 މިނެޓު 6 ސިކުންތު – 3500 ރުފިޔާ

މި މުބާރާތަށް ހުށައަޅާފައިވާ އިނާމުގެ އިތުރުން، އެކި ކެޓަގަރީތަކަށް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އެންޑް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުންވެސް ފައިސާގެ އިނާމު ހުށައަޅާފައިވެއެވެ.

މިމުބާރާތުގެ ވަނަތަކަށް އައި ބައިވެރިންނާ އިނާމު ޙަވާލުކޮށްދެއްވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުން ވަނީ މި މުބާރާތް ބައްލަވާލައްވާފައެވެ. އަދި ވަޒީރުންނާއި، ސަރުކާރުގެ އެކި މުވައްސަސާތަކުގެ އިސް ބޭފުޅުންގެ މިމުބާރާތް ބައްލަވާލެއްވިއެވެ.

މީގެއިތުރުން މި މުބާރާތުގެ ޚާއްސަ ބައިގައި ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންވެސް މަސްކެނޑުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އެގޮތުން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރުގެ އިތުރުން އެމްއޭސީއެލް އަދި އެމްޓީސީސީގެ ސީއީއޯވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ދުވާފަރުގައި ވަނީ، ކުލަގަދަ ހަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން ބޭއްވި މުބާރާތްތަކުގެ ތެރޭގައި މަސް ކެނޑުމުގެ މުބާރާތުގެ އިތުރުން، މަސް ބޭނުމާއި، ކެއްކުމުގެ މުބާރާތެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.