ރ. ދުވާފަރުގައި އިމާރާތް ކުރާ ދަނާލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި ދަނާލުގެ މަސައްކަތް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިކަމަށްޓަކައި އެރަށުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ދުވާފަރުގައި ދަނާލުގެ އިމާރާތް ޤާއިމް ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ، މަތީތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙްމަދެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ-14ގައި ހިމެނޭ ދަނާލު ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ 4 ސަރަޙައްދެއްގައި ދަނާލު ބިނާކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އެއް ސަރަހައްދަކީ، ރ. ދުވާފަރެވެ. ރ. ދުވާފަރުގައި ދަނާލު ބިނާކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހުވަނީ ބިން ހަވާލުކޮށްފައެވެ.
ދުވާފަރުގައި ޤާއިމްކުރާ ދަނާލުގެ އިމާރާތުގައި ފާހާނާ ހިމެނޭހެން 30 ކޮޓަރިއާއި، ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ކުރުމަށް ބަދިގެއަކާއި ކާގެއެއް ހިމެނެއެވެ. މީގެ އިތުރުން ލޯންޑްރީ އޭރިޔާއަކާއި، ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮ ކަމަށް އެކިކަހަލަ ކުޅިވަރު ކުޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ކުލާސްރޫމްތަކާއި، އައިސީޓީ ލެބަކާއި، އެޑްމިން އޮފީސް ހިމެނޭހެން ޓްރެއިނިންގ އޭރިއާއެއް ވަނީ ހިމަނާފައެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދަނާލު މަޝްރޫޢުގެ ސަބަބުން، އަމިއްލަ ރަށުން ލިބެން ނެތް، މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް އެހެން ރަށްރަށަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ރަށްރަށަށް ގޮސް ޢާއިލާގެ މީހުންނާއެކު އަގުހެޔޮކޮށް ތިބެވޭނެ ފުރުޞަތު ފަހިކޮށްދެވޭނެ ކަމަށެވެ.
މިކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް މަތީ ތަޢުލީމު ޙާސިލު ކުރުމަށް ރަށްރަށަށް ގޮސް ތިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ލުއި ފަސޭހަކަމާއެކު އެކަށޭނަ މާހައުލެއްގައި ކިޔަވަން ތިބެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އަގު ހެޔޮ، ފެންވަރު ރަނގަޅު އެކޮމަޑޭޝަންގެ ފުރުޞަތު އެރަށްރަށުން ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.