ޚަބަރު

ބޭނުންވަނީ ޙަޤީޤީ މާނައިގައި މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ގެނެސްދޭން: ރައީސް


  • މަސްވެރިން ފާޅުކުރާ ޚިޔާލު މުހިއްމު ކަމަށް ވިދާޅުވި

  • ބޭނުންވަނީ މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖެހުމަށްކަމަށް ވިދާޅުވި

ބޭނުންވަނީ ޙަޤީޤީ މާނައިގައި މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ގެނެސްދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރ. ދުވާފަރަށް ވަޑައިގެން މަސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންތައްތަކުން، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެވޭނެކަމަށެވެ. މި ސިނާއަތް ކުރިއެރުވުމުގައި މަސްވެރިންގެ ޚިޔާލާއި ބައިވެރިވުން މުހިއްމު ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖެހުމަށްކަމަށެވެ. މި ސިނާއަތް ކުރިއަރުވާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދައި އެކަންކަމަށް ބަލައިގެންކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ފުރަތަމަ ދުވަހުން ފެށިގެންވެސް މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. ލަސްވެގެންދާ ކަންކަމަކީ ބޭރުގެ ލޯނުތަކާއި ގުޅިފައި ހުރި ކަންކަންކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރު ގިނަ ކަންކަމުގެ އަމަލީ މަސައްކަތައް ފެށުމާއި ހަމައަށް ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ބައެއް ކަންކަމަކީ ސަރުކާރުން ބޮޑު ހަރަދުތަކެއް ކޮށްގެން ކުރިއަށްގެންދާ ކަންކަންކަމަށާއި، ދުވަސް ނަގަނީ މި ސަބަބަށްޓަކާކަން ރައީސް ފާހަގަކުރެއްވިއެވެ. އެއީ އެއްގޮތަކަށްވެސް މި ސިނާއަތަށް ފަރުވާކުޑަކޮށްގެން ވާކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުމެއްނޫން އެއްވެސް ކަމެއް ނަމެއްގައި އިއުލާންކޮށްލާކަށް ނޫނީ ފަށާކަށް އެކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެގޮތަކަށް. އަޅުގަނޑު ބޭނުންވަނީ ހަޤީގީ މާނައިގައި މި އިންޑަސްޓްރީއަށް ކުރިއެރުން ލިބިގެންދާން. ވަރަށް ގިނަ ކަންކަން އެބަހުރި މިގޮތައް ދަންނަވަންހުރި." ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ބަލައި މި ސިނާއަތު ކުރިއެރުވުމަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ރ. ދުވާފަރަށް ވަޑައިގެންނެވީ މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ދުވާފަރުގައި ކަމަށްވާތީއެވެ.