މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ކުރިއަށްގެންދިޔަ ރަހަވަރު މުބާރާތް ނިންމައި ވަނަ ހޯދި ޓީމްތަކަށް ފައިސާގެ އިނާމު ޙަވާލުކޮށްފިއެވެ.
ދުވާފަރުގައި ކުރިއަށްގެންދިޔަ ރަހަވަރު މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދެވެ.
ރަހަވަރު މުބާރާތަކީ، އެކި ބާވަތުގެ ކަނޑު މަހުން އުފައްދާ އުފެއްދުންތައް އިތުރުކުރުމަށް ބާރުއަޅައި، އެކަމަށް ލޯބި ޖެއްސުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެެކެވެ.
ދުވާފަރުގައި ކުރިއަށްގެންދިޔަ މި މުބާރާތަކީ، މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުރިއަށްގެންދިޔަ އެންމެ ވާދަވެރި އެއް މުބާރާތެވެ. މިއަހަަރުގެ މި މުބާރާތުގައި 12 ޓީމަކުން 36 މީހުން ބައިވެރިވިއެވެ.
މިމުބާރާތަކީ އެސްޓީއޯއާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތައް ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.
1 ވަނަ - ޓީމް މަސްރޯދި 10،000 ރުފިޔާ
2 ވަނަ - ޓީމް ގޯލްޑްފިޝް 5000 ރުފިޔާ
3 ވަނަ - ޓީމް ރެހެންދި 3000 ރުފިޔާ
މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ރ.ދުވާފަރުގައި ކުރިއަށްގެންދިޔަ "ރަހަވަރު" މުބާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ވަނީ ބައްލަވާލައްވާފައެވެ.
ރަހަވަރު މުބާރާތް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުތަކުގެ ތެރެއިން މާލޭގައެވެ.
މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްސަދަކީ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި، ދިވެހިންގެ ކެއިން ބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކާއެކު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ ބޭނުންކުރުމުގެ މުހިންމުކަން ދައްކުވައިދިނުންކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރުމަހުގެ 10 ވަނަ ދުވަހުއެވެ.