ޚަބަރު

ނޭޝަނަލް ޔުނިވަރސަލް ހެލްތު ކަވަރޭޖް ފޯރަމް ރާއްޖޭގައި ފަށައިފި


  • ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ މަޝްވަރާކުރާނެ

  • ސަރވިސް ކަވަރޭޖް އިންޑެކްސްގައި ރާއްޖެ މިހާރު އޮތީ 70 ވަނައިގައި

  • 2030 ވަނަ އަހަރު އިންޑެކްސްގެ 80 އަށް އެރުވުމަށްދަނީ މަސައްކަތް ކުރަމުން

ނޭޝަނަލް ޔުނިވަރސަލް ހެލްތު ކަވަރޭޖް ފޯރަމް ރާއްޖޭގައި ފަށައިފިއެވެ. 2 ދުވަހުގެ މުއްދަތަށް މިފޯރަމް ކުރިއަށްގެންދަނީ ކުރުނބާ މޯލްޑިވްސްގައެވެ. މިއީ މިފޯރަމް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީ އާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއާއި ޞިއްޙީ ވުޒާރާ ގުޅިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ނޭޝަނަލް ޔުނިވަރސަލް ހެލްތު ފޯރަމް ކުރިއަށްދާނީ މާދަމާގެ ނިއަލަށެވެ. މިފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖްރިބާކާރުން ހިމެނޭހެން 100 އަށްވުރެ ގިނަ ފަރާތުން ވަނީ މިފޯރަމްގައި ބައިވެރިވެއެވެ.

ފޯރަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސް، ޑރ.އަޙްމަދު އަޝްރަފް ވިދާޅުވީ، އެންމެންނަށްވެސް ހަމަހަމަ ކަމާއެކު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށެވެ. އެހެންނަމަވެސް އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ ސަރވިސް ކަވަރޭޖް އިންޑެކްސް މިހާރު 70 ގައި ހުރިނަމަވެސް އަމާޒަކީ 2030 އަންނައިރު އެއިންޑެކްސް 80 އަށް ކުރިއެރުވުންކަމަށެވެ. އެކަމަށްޓަކައި މިފޯރަމްގެ ތެރެއިން ތަޖުރިބާކާރުންނާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާނެކަމަށް ވިދާޅުވިއެވެ.

"އެއްވެސް ހުރަހެއް ނެތި ކޮންމެ މީހަކަށްވެސް ޞިއްޙީ ޚިދުމަތް ކަށަވަރުވާންޖެހޭނެ. އެހެންނަމަވެސް ރާއްޖޭގައި ކިޔު ދިގުވުމާއެކު ބައެއް ފަރާތްތަކުން އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ދާންޖެހޭ ޙާލަތު އާދޭ. އެހެންވުމުން އަސްލު އިންޑެކްސްގައި ކުރިއަރަންވާވަރަށް ނާރަނީ. އެކަން ރަނގަޅުކުރަން ކުރެވޭނެ ކަންތައްތައް މިފޯރަމްގައި މަޝްވަރާކުރާނެ." ޑރ.ޢަޝްރަފް ވިދާޅުވިއެވެ.

ޑރ.ޢަޝްރަފް ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު އިންސައްތައެއް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ހޭދަކުރަމުން އަންނައިރު ސަރވިސް ކަވަރޭޖް އިންޑެކްސްގައި ކުރިނާރާ ސަބަބުތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމަށް ތަޖުރިބާކާރުންނާއި އެހެން ޤައުމުތަކުގެ ތަޖުރިބާއާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށެވެ. މިފޯރަމްގައި އިންޑިއާ، ބޫޓާން، ސްރީލަންކާ، އިންޑޮނޭޝިއާ އާއި ފިލިޕިންސްގެ އިތުރުން ޑަބްލިއުއެޗްއޯއާއި ޔުނިސެފް، ޔޫއެންޑީޕީއާއި އެފްއޭއޯ އަދި އައިއޯއެމް ފަދަ އިދާރާތަކުން ބައިވެރިވެއެވެ. މިނޫންވެސް މާލީ ބޮޑެތި އިދާރާތަކުން މިފޯރަމްގައި ބައިވެރިވެއެވެ.

މިފޯރަމްގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި 2026 އިން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ޔުނިވަރސަލް ހެލްތު ކަވަރޭޖް ޙާސިލުކުރުމަށްޓަކައި ޚާއްސަ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ.

ޔުނިވަރސަލް ހެލްތު ކަވަރޭޖަކީ އެކަށީގެންވާ ފެންވަރުގެ ޞިއްޙީ ޚިދުމަތް އެއްވެސް ތަފާތުކުރުމެއް ނެތި އެއްވެސް މީހަކު ބާކީނުކޮށް އެމީހަކު ދިރިއުޅޭ ކޮންމެތަނަކުން ފަސޭހަކަމާއެކު ލިބެން ހުރުމެވެ. 2030 ވަނަ އަހަރު އަންނައިރު މިއަމާޒު ޙާސިލުކުރުމަކީ ބައިނަލްއަޤުވާމީގޮތުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިއެވެ. ހަމައެއާއެކު އެއީ ޤައުމުތަކުގެ ޞިއްޙީ ނިޒާމުގެ ފުރިހަމަކަން އަންދާޒާކުރުމަށް ބަލާ މިންގަނޑެއްވެސްމެއެވެ.