ޚަބަރު

ޤައުމީ ބާސްކެޓްބޯޅަ މުބާރާތް: ރެޑްވިންގްސް ބަލިކޮށް ޓީރެކްސް ފައިނަލަށް


ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުން ޓީރެކްސް ޖާގަ ޔަގީންކުރި އިރު އަންހެން ޑިވިޝަންގެ ފައިނަލުން މިސްޓިކްސް ޖާގަ ހޯފައިފިއެވެ.

ނިމިގެންދިޔަ ޤައުމީ ބާސްކެޓްބޯޅަ ލީގުގެ ގަދަ 4 ޓީމު ވާދަކުރާ ޤައުމީ މުބާރާތުގެ ފައިނަލުން ޓީރެކްސް ބާސްކެޓްބޯލް ކްލަބް ޖާގަ ހޯދީ ސެމީ ފައިނަލްގެ ފަހު މެޗުގައި ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބްގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މިމެޗު ޓީރެކްސް ކާމިޔާބުކުރީ 86 ޕޮއިންޓް 40 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޓީރެކްސްގެ ތަޖްރިބާކާރު ޕޮއިންޓް ގާޑް އިސްމާއިލް ވިލްދާން ޔޫސްފްއެވެ.

މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލް މެޗުގައި ޓީރެކްސް ނިކުންނާނީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ޓީރެކްސްގެ މައްޗަށް ކުރި ހޯދާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދި ކިންގްސް އާއި ދެކޮޅަށެވެ. ކިންގްސް އާއި ޓީރެކްސް ނިމިދިޔަ ޤައުމީ ލީގުގައިވެސް ރަނގަޅު ވާދައެއް ކުރި އިރު ލީގު ޗެމްޕިއަންކަން ހޯދާފައި ވަނީ ޓީރެކްސް އެވެ.

ޤައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުން މިސްޓިކްސް ބާސްކެޓްބޯލް ކްލަބް ޖާގަ ހޯދީ ސެމީ ފައިނަލްގެ ފަހު މެޗުގައި ސައިކްލޯން ބާސްކެޓްބޯލް ކްލަބް ބަލިކޮށްގެންނެވެ. މިމެޗުގައި މިސްޓިކްސް ކާމިޔާބުކުރީ 20 ޕޮއިންޓުގެ ތަފާތުންނެވެ. އެއީ 48 - 68 ޕޮއިންޓުންނެވެ.

މިމެޗުގައި މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މިސްޓިކްސްގެ ޒުވާން ސެންޓަރ ލައިރާ އަހުމަދު ފިރާޝްއެވެ. ލައިރާ ވަނީ މިމެޗުގައި 30.7ގެ ގޭމް ސްކޯއެއް ރެކޯޑްކޮށްފައެވެ.

ޤައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި މިސްޓިކްސް މާދަމާ ހަވީރު ނިކުންނާނީ ޤައުމީ ލީގުގެ ޗެމްޕިއަންކަން ހޯދާ ސެމީ ފައިނަލްގައި ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކުއީންސް ބާސްކެޓްބޯލް ކްލަބާއި ދެކޮޅަށެވެ.