މާލޭގެ 8 ތަނެއް ބަލާ ފަސްކޮށް، މީގެތެރެއިން ޤަވައިދާ ޚިލާފަށް ހިންގަމުން ދިޔަ 2 ވިޔަފާރިއެއް ބަންދުކޮށްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ މާލޭގެ 08 ތަނެއް ބަލާ ފާސްކޮށްފައިވާކަމަށެވެ.
މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅެމުންދިއަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ނޯޓިސްއާއެކު 02 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.
ރާއްޖޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް އިޤުތިޞާދީ ވުޒާރާއިން ނޮވެންބަރު 27 ގައި ކުރި އިޢުލާނާ ގުޅިގެން، ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯހުން ވިޔަފާރިތައް އިންސްޕެކްޓްކުރުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ދަނީ ކުރިއަށްގެންދަމުންނެވެ.
ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ދެމެދު 3333199 އަށް ގުޅުއްވައިގެން ނުވަތަ އިޤުތިޞާދީ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ރިޕޯޓުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.