ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް އިޚްތިރާމާއި ލޯބީ އަދި އެމީހުން އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުމައިގެން ކުރިއަށްދެވޭނެ ބަޔަކަށް ހަދަންޖެހެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހެއްވެއްޖެނަމަ އެމީހެއްގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސައިދެނީ އެމީހުންގެ މައިންބަފައިން ނުވަތަ އާއިލާގެ މީހުންނެވެ. އުމުރުން ކިތަންމެ ދުވަހެއް ވިނަމަވެސް އާމްދަނީ ލިބޭނެ މަގެއް ނެތްނަމަ އެމީހަކަށް ޚަރަދުކުރަން ޖެހެނީ މައިންބަފައިންނަށެވެ.
އެހެންނަމަވެސް ޤަބޫލުކުރަން ޖެހޭ ހަޤީގަތަކީ އެފަދަ މީހެއްނަމަވެސް އެމީހާ އަމިއްލަ ފައިމައްޗަށް ދެތުވެ މާލީގޮތުންވެސް ބާރުވެރި މީހަކަށް ހެދިދާނެކަމެވެ. އެފަދަ މީހުންނަކީ އެތައް ހުނަރުތަކަކުން ކުރިއަރާފައިވާ ބައެއްކަމުން މާލީ ގޮތުން ބާރުވެރިކުރުމަށްޓަކައި އެމީހަކަށް ލިބިފައިވާ ހުނަރަކަށް ބަލާ ނުވަތަ އެހެންގޮތަކުންވެސް ވަޒީފާގެ ފުރުޞަތުތައް ހަމަޖައްސައިދެވިދާނެއެވެ. ތާރީޚަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ވަޒީފާ އަދާކުރެވިދާނެކަން ވަނީ ދައްކުވައިދީފައެވެ.
ރާއްޖޭގެ އާބާދީ ކުޑަނަމަވެސް އާބާދީގެ ނިސްބަތުން އެކިކަހަލަ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ.
ޖިސްމާނީ ނުކުޅެދުންތެރިކަމާއި ނަފްސާނީ ނުކުޅެދުންތެރިކަން ތަޙައްމަލު ކުރަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާކަން ހާމަވާ އެއް ތަނަކަށްވާނީ މިފަދަ ކުދިންނަށް ޚާއްސަ ސްކޫލް މަދުރަސާތަކުގައި މިފަދަ ކުދިންނަށް ޖާގަ ހޯދަން އެދިގެން އަންނަ ބެލިނިވެރިންގެ ޢަދަދުތައް އިތުރުވަމުން އަންނަ އައުމުންނެވެ.
މިއިން އެނގިގެންދަނީ މުޖުތަމަޢުގައި މިފަދަ މީހުން އިތުރުވުމާއެކު ނުކުޅެދުންތެރިކަން ނެތް މީހުންނާއި މުއައްސަސާތަކުން މިފަދަ ފަރާތްތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ބާރުއަޅަންޖެހޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަމެވެ.
މިފަދަ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. ފުރަތަމަ ސްކޫލް މާހައުލަށް ބަލާއިރުވެސް އެފަދަ ކުދިން ބާކީ ނުކޮށް ކިޔަވައިދެމުން އާދެއެވެ.
ސްކޫލްތަކުގައި އެފަދަ ކުދިންނަށް ޚާއްސަ ކްލާސްރޫމްތައް ހަދާ މިހާރަށްވުރެ ބޮޑަށް ވަޞީލަތްތައް އިތުރުކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އޮފީސް އިމާރާތްތަކަށް ވަދެ ނުކުމެ އުޅޭއިރު ފަސޭހަވާނެ ގޮތްތަކާއި ޚިދުމަތް ފޯރުކޮށްދިނުމުގައިވެސް ލުއިގޮތްތަކެއް ހަމަޖައްސައިދެއެވެ. މިފަދަ ކަންކަން މިހެން ހުރިނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް އެންމެ ބޭނުންވާނެ އެއްކަމަކީ އެފަދަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ހަމަޖައްސަވައިދެއްވުމެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމަކީ އެފަދަ ފަރާތްތަކަށް ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮކަން ގެނެސްދޭނެ ކަމެކެވެ. ޚާއްސަކޮށް މީހުންގެ ތެރޭގައި އުޅެން ފެށުމާއެކު އެކުގައި އުޅޭނެ ރައްޓެހިން ލިބި އެމީހުންނަކީ މުޖުތަމައުގެ ތެރެއިން ބަކީވެފައި ތިބި ބައެއް ނޫންކަން ޔަޤީންވެގެންދާނެއެވެ.
އުފެދުމުގައި އުނިކަމެއް ހުރިނަމަވެސް އެމީހުންނަކީވެސް އަހަރުމެން ފަދަ މީހުންނާއެކު އުޅެވޭނެ ބައެއްކަން ޤަބޫލުކުރެވޭނެއެވެ. މިހުރިހާ ކަމަކަށްވުރެ ބޮޑަށްވެސް އެމީހުންނަށް އާމްދަނީއެއް ލިބެން ފެށުމާއެކު މާލީގޮތުން އެހެންމީހުންގެ މައްޗަށް ބަރޯސާވުން ނިމުމަކަށް އަންނާނެއެވެ. މިފަދަ އެތަކެއް ސަބަބުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޖުތިމާޢީ މަދަދުވެރިކަމުގެ ޕްރޮގުރާމްގެ ތެރެއިން ސަރުކާރުގެ އެކި ކުންފުނިތަކުން މި އަންނަނީ ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމުގެ މުހިއްމުކަމަށް އަލިއަޅުވާލައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުން އެ މީހުން ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮވާނެކަން ފާހަގަކުރައްވާފައެވެ.
އެކަމަނާ ވިދާޅުވީ އައު ރައްޓެހިން ލިބި، މާލީ ގޮތުން ފުދުންތެރިވެ، ގަޑިން ގަޑިއަށް ކަންކަން ނިންމަން ޖެހުމަކީ ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮވުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށެވެ. އަދި ކުރިން ޢާއިލާއިން ކޮށްދިން އެތައް ކަމެއް މިހާރު އަމިއްލައަށް ކުރުމުގެ މަގުފަހިވާނެކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.
"އެ މީހުންނަށް ވަޒީފާ ލިބުމުން ފައިދާ ކުރާނީކީ އެ މީހަކަށް އެކަންޏެއް ނޫން. ޤައުމަށްވެސް އަދި ޢާއިލާތަކަށްވެސް ފައިދާކުރޭ. އަދި އިޖުތިމާޢީ ގޮތުންނާއި ކުލުނާއި އިޙްސާންތެރިކަމުގެ ގޮތުން އުފާވެރިކަމުގެ ގޮތުން އަދި މާލީ ފުދުންތެރިކަމުގެ ގޮތުން ފައިދާކުރާނެ." ފަސްޓް ލޭޑީ ވިދާޅުވިއެވެ.
ސަރުކާރުގެ އެކި ކުންފުނިތަކުން އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދޭއިރު މި ފާއިތުވި 2 އަހަރުގެ ތެރޭގައި 350 އަށް ވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ވަޒީފާ ހަމަޖައްސާދީފައެވެ.
ނުކުޅެދުންތެރިކަންކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި 14000 އަށްވުރެ ގިނަ މީހުން ރަޖިސްޓަރ ވެފައިވާއިރު 18 އަހަރާއި، 64 އަހަރާ ދެމެދުގެ 7000 އަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުން ރަޖިސްޓަރ ވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެހެންކަމުން ހަމައެކަނި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ވަޒީފާ ހަމަޖައްސެމުގެ އިތުރަށް އަމިއްލަ ތަންތަނުންވެސް އެފަދަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައްވެސް ފަހިކޮށްދިނުމަކީ ކޮންމެހެން މުހިއްމުކަމެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެމީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނީ އެންމެންގެ އެއްބާރުލުން ލިބި ގުޅިގެން މަސައްކަތް ކުރެވިގެންނެވެ. އެމީހުންނަކީވެސް އަހަރުމެންނަށް ލިބޭ ފުރުޞަތުތައް ލިބޭ ބަޔަކަށް ހަދައިގެންނެވެ. އެކަކުވެސް ބާކީ ނުކޮށް ފުރުޞަތުތައް ފަހިކޮށްދިނުމަކީ މުހިއްމުކަމެކެވެ.