ބަންގްލަދޭޝްގެ އައި ޤާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް އަންނަ އަހަރުގެ ފެބްރުއަރީ މަހު، ބާއްވާ އިންތިޚާބަށްފަހު، ދައުރު ފުރުހަމަ ނުކުރައްވައި، އިސްތިޢުފާ ދެއްވަން ނިންމަވާފައިވާކަމަށް އެ ޤައުމުގެ ރައީސް މުޙައްމަދު ޝިހާބުލްދީނީ ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ބަންގްލަދޭޝްގެ އޭރުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން އެ ޤައުމުގެ ދަރިވަރުން ނިކުމެ ވައްޓައިލި ފަހުން އެ ޤައުމު ހިންގަމުން ދަނީ ވަގުތީ ސަރުކާރަކުންނެވެ. ބަންގްލަދޭޝްގެ ރައީސްކަމުގެ މަޤާމަކީ ރަމްޒީ މަޤާމެކެވެ.
ނަމަވެސް، ޙަސީނާގެ ވެރިކަން ވެއްޓުމަށްފަހު، ޤާނޫނު ހަދާ މަޖިލިސް ވެސް އުވާލާފައިވާތީ، ޝިހާބުލްދީނީ އަކީ ދުސްތޫރީ ނިޒާމުގެ ތެރެއިން، މި ވަގުތު ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައި ހުންނެވި އެންމެ އިސްވެރިޔާއެވެ.
ޙަސީނާގެ އަވާމީ ލީގު ޕާޓީއަށް ނިސްބަތްވާ، ޝިހާބުލްދީނީ ވިދާޅުވީ، ވަގުތީ ސަރުކާރުގެ އިސް މުޝީރު މުޙައްމަދު ޔޫނުސް އޭނާއާ ބައްދަލުވެސް ނުކުރައްވާތާ ހަތް މަސް ދުވަސްވެފައިވާ ކަމަށާއި، ވަގުތީ ސަރުކާރުން އޭނާ "ލަދު ގަންނަވާލާފައިވާ" ކަމަށެވެ.
އެހެންކަމުން، 2028 ވަނަ އަހަރާ ހަމައަށް އިންތިޚާބުކޮށްފައި ހުންނެވިނަމަވެސް، ފެބްރުއަރީ މަހު އޮންނަ އިންތިޚާބަށްފަހު މަޤާމުގައި ހުންނަވަން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޙަސީނާގެ ވެރިކަން ވެއްޓުމަށްފަހު، ބާއްވާ ފުރަތަމަ އިންތިޚާބު، އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހަށް ބަންގްލަދޭޝްގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ތާވަލުކޮށް، މިއަދު އިޢުލާނުކޮށްފައެވެ.
އަދި ބަންގްލަދޭޝްގެ ‘ޖުލައި ޗާޓާރ’ ތަންފީޒު ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ވެސް ހަމަ އެ ދުވަހު ނެގުމަށް ވަނީ ހަމަޖެހިފައެވެ.
އެ އިންތިޚާބުގައި އެންމެ ތާޢީދު ބޮޑުވާނެކަމަށް ބެލެވެނީ، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ އިތުރުން ޖަމާޢަތީ އިސްލާމީ ޕާޓީއަށް ކަމަށް ސިޔާސީ މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ. މިދިޔަ އަހަރުގެ މުޒާހަރާތައް އިންތިޒާމްކޮށް ކުރިއަށް ގެންގޮސްފައިވާ ދަރިވަރުން އުފައްދާފައިވާ ސިޔާސީ ޕާޓީ ކަމަށްވާ ނޭޝަނަލް ސިޓިޒެންސް ޕާޓީ (އެންސީޕީ)އަށް އެކަށީގެންވާ މިންވަރަށް ޢާންމުންގެ ތާޢީދު ހޯދަން ވަނީ އުނދަގޫވެފައެވެ.
މި އިންތިޚާބުގައި ޙަސީނާގެ އަވާމީ ލީގު ޕާޓީއަށް ވާދަކުރުން ވަނީ މަނާކޮށްފައެވެ. އެއާއެކު، އެ ނިންމުން އަނބުރާ ނުގެންގޮސްފިނަމަ، މުޒާހަރާއަށް ނުކުންނާނެކަމުގެ އިންޒާރު އެ ޕާޓީން ވަނީ ދީފައެވެ.