ޚަބަރު

ޙައްޖު ޢުމްރާ ކޮންފަރެންސް ނިންމާލައިފި


  • މިއަހަރުގެ ކޮންފަރެންސްގައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވި

  • ޙައްޖާއި ޢުމްރާގެ ޚިދުމަތްތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވުނު

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޙައްޖު ޢުމްރާ ކޮންފަރެންސްއަކީ ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތައް އެއް ތަނަކުން ބައްދަލުވެ، ދާއިރާއާ ގުޅޭ މުހިއްމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި، ކުންފުނިތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ހިއްސާކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ކޮންފަރެންސްއެކެވެ. މިއީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބޭއްވި މިފަދަ ދެވަނަ ކޮންފަރެންސެވެ.

މިއަހަރުގެ ޙައްޖު ޢުމްރާ ކޮންފަރެންސް އަދި އެގްޒިބިޝަންގައި މުހިންމު މަޢުޟޫތަކަށްވަނީ ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންގޮސްފައެވެ. މީގެއިތުރުން، ދީނީ ގޮތުން ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ލުއިފަސޭހަކާމާއި، އަޅުކަން އަދާކުރާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނަގަޅުކުރުމާގުޅޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ވާހަކަދައްކަވާފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ޙައްޖު އުމްރާ ޔުނިޓްގެ ހެޑް އުސާމް މުޙައްމަދު ސަޢީދު ވިދާޅުވީ، މި ކޮންފަރެންސްގެ ތެރެއިން، ޙައްޖުވެރިން ޞިއްޙީ ގޮތުން ވިސްނަންވީ މުހިންމު ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައިވާކަމަށެވެ.

"ޙައްޖުވެރިން ޙައްޖަށް ދިއުމުގެ ކުރިން ޞިއްޙީ ގޮތުން ވިސްނަންވީ ކޮންކޮން ކަންތައްތަކަކަށްކަން އަދި ޙައްޖަށް ވަޑައިގެން ސަޢޫދީ ޢަރަބިއްޔާގައި އަދި އެނބުރި ރަށަށް ވަޑައިގެން ދެން ފޯކަސްކުރަންވީ ކޮންކޮން ކަންތައްތަކެއްކަން ޞިއްޙީ އޭންގަލްއަކުން އަޅުގަނޑުމެން ބަލާލީން. އެގޮތުގެ މަތިން ކޮންފަރެންސް ކުރިއަށްގެންދެވުނީ." އުސާމް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މި ކޮންފަރެންސް ކުރިއަށްގެންދިޔައީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 ޖެހުމާ ހަމައަށެވެ.

މިއަހަރުގެ މި ކޮންފަރެންސްގައި 100އަށްވުރެ ގިނަ ފަރާތާކުން ބައިވެރިވެފައިވާކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އޭގެތެރޭގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތަކާއި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ބައިވެރިވެފައިވާކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި ކޮންފަރެންސުގައި ސަޢޫދީ ޢަރަބިއްޔާގެ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް ބައިވެރިވެފައިވެއެވެ. މިއީ، ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެކެވެ. ޙައްޖު ޢުމްރާ ކޮންފަރެންސްގައި އެ ބޭފުޅުންގެ ފަރާތުންވެސް ވަނީ ސެޝަންތަކެއް ކުރިއަށްގެންގޮސްފައެވެ.

މިއަހަރުގެ ކޮންފަރެންސްއާއެކު ޢުމްރާ ކުންފުނިތަކުން ދޭ ޚިދުމަތްތައް އާއްމުންނަށް ފޯރުކޮށްދިނުމަށް އެގްޒިބިޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އެގްޒިބިޝަން ކުރިއަށްދާނީ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 19:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަޙައްދުގައެވެ.

ފުރަތަމަ "ޙައްޖު އުމްރާ ކޮންފަރެންސް" ބޭއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 31 ގައެވެ.

ރާއްޖޭގައި ބާއްވާ މިފަދަ ކޮންފަރެންސްތަކާއެކު، ކުރިއަށްއޮތްތަނުގައި ޙައްޖުވެރީންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.