ރާއްޖޭގެ ގައުމީ އަންހެން ކެރަމް ޓީމުން ހޯދި ކާމިޔާބީ ފާހަގަކޮށް ކުޅުންތެރިންގެ އަގުވަޒަންކުރުމަށް ބޭއްވި ހާއްސަ ހަފްލާ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ޑިސެމްބަރު މަހުގެ 2-6 އަށް ބާސެލޯ، ނަސަންދުރައިގައި ބޭއްވި 7 ވަނަ ކެރަމް ވޯލްޑް ކަޕްގައި ރާއްޖޭގެ އަންހެން ޓީމު ވަނީ ރިހިމެޑަލް ހާސިލުކޮށްފައެވެ. މިއީ ކެރަމްގެ ތާރީހުގައި ރާއްޖޭއަށް މިހާތަނަށް ހާސިލުކުރެވުނު އެންމެ ބޮޑު އެންމެ ތާރީހީ ކާމިޔާބީއެވެ.
ރާއްޖޭގެ ގައުމީ އަންހެން ކެރަމް ޓީމުގެ ކުޅުންތެރިން ހޯދައިދިން މި ކާމިޔާބީ ފާހަގަކޮށް ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފްލާގައިވަނީ ކުޅިވަރު ވުޒާރާގެ ފަރާތުން އަންހެން ކުޅުންތެރިންނަށް ޝުކުރުގެ ހަނދާނީ ފިލައެއްވެސް ހަވާލުކޮށްފައެވެ.
މިއީ ކެރަމް ވޯލްޑް ކަޕްގެ ތާރީޚުގައި ޓީމް އިވެންޓުގައި ރާއްޖޭގެ ޓީމެއް ފައިނަލަށް ދަތުރުކޮށް، އެ މުބާރާތުގެ ދެވަނަ މަގާމު ހާސިލްކުރި ފުރަތަމަ ފަހަރެވެ. މުބާރާތުގެ އަންހެނުންގެ ޓީމު އިވެންޓުގެ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ.
މި އިވެންޓުގައި ކުޅުނު ޑަބަލްސް މެޗުގައި އިންޑިއާގެ މިތްރާ އާއި ކާޖަލް ކުމާރީގެ ޕެއާ ވަނީ، ރާއްޖޭގެ އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާ އަތުން 2-1 ސެޓުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-8 އިން އިންޑިއާގެ ޕެއާ ގެންގޮސްފައިވަނިކޮށް، 17-13 އިން ނަހުފާ އާއި ރަޔާނާ ވަނީ ކުރިހޯދާފައެވެ. އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ސެޓުގައި އިންޑިއާގެ ޕެއާ ވަނީ 25-5 އިން ކާމިޔާބުކޮށްފައެވެ.
ސިންގަލްސް ފުރަތަމަ މެޗުގައި ރާއްޖޭގެ އާމިނަތު ވިދާދު އަތުން އިންޑިއާގެ ހާޒިމާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެއީ، 24-8، 25-8 އިންނެވެ. ސިންގަލްސް ދެވަނަ މެޗުގައި އިންޑިއާގެ ކީރްތަނާ ވަނީ ރާއްޖޭގެ ޢާއިޝަތު ފައިނާޒް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުން ކީރްތަނާ މޮޅުވީ 24-6، 25-1 އިންނެވެ.
އިންޑިއާގެ ކޯޗެއްގެ އެހީގައި ގައުމީ ކެރަމް ޓީމުން ވޯލްޑްކަޕަށް ތައްޔާރުވި އަންހެން ޓީމުން ރާއްޖެއަށް ހޯދައިދިން މި ކާމިޔާބީއަށް ކުޅިވަރު ވަޒީރު ވަނީ މަރުހަބާ އާއި ޝުކުރު ދަންނަވާފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވޯލްޑް ކަޕްގައި ރަން މެޑަލް ހޯދުމައް ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.
ކެރަމްގެ ކުރިއެރުމަށް ސަރުކާރުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށާއި، މި ކުޅީވަރު ކުރިއެރުވުމަށް އެސޯޝިއޭޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ކުޅިވަރު ވަޒީރު ވަނީ ދެއްވާފައެވެ.