ކުޅިވަރު

ފުޓުބޯޅައިގެ ހާލަތު ވެންޓިލޭޓަރުން ނެގިދާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި: ވަޒީރު ރާފިޢު


  • ފުޓުބޯޅަ އަލުން އިޔާދަކޮށްދެއްވުމަކީ ރައީސްގެ ވަޢުދުފުޅެއް

  • މިމަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި

  • މިމަސައްކަތުގައި ކުލަބުތަކާއި އިހުގެ ލެޖެންޑުންގެ އެއްބާރުލުން ލިބުނު

ރާއްޖޭގެ ފުޓުބޯޅައަށް ދިމާވި އަޑިގަނޑުން އަރައިގަނެ ފުޓްބޯޅައިގެ ހާލަތު ވެންޓިލޭޓަރުން ނެގިދާނެތޯ ގިނަ ބަޔަކު ސަރުކާރާމެދު ސުވާލު އުފެއްދިކަމަށާ އެސުވާލުގެ ޖަވާބު ފާއިތުވެދިޔަ 104 ހަފްތާގެ ތެރޭގައި ލިބިގެންދިޔަކަމަށް އުންމީދުކުރައްވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރު ވަޒީރު ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު އިޔާދަކޮށް ފުޓުބޯޅައިގެ ފޯރި އަލުން ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ވަޢުދުފުޅަކަށްވާއިރު، އެއަމާޒަށް ވާސިލްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނުކަމަށެވެ. އޭރު ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެފައިވާ ހާލަތުން އަރައިގަނެ ފުޓުބޯޅަ އަލުން ކޮޅަށްޖެހިދާނެތޯ މިއީ ސަރުކާރަށް ވަރަށް ގިނަ ބަޔަކު ކުރިމަތިކުރުވި ސުވާލެއްކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"ވަރަށް ބުރަ މަސައްކަތެއް، ވަރަށް ގިނަ ގޮންޖެހުންތަކެއްވެސް ހުރި ކަމެއް ފުޓުބޯޅަ އޮތް ހާލަތުގެ ސަބަބުން. ވަރަށް ގިނަ ސުވާލުތަކެއްވެސް އަޅުގަނޑަށް ރައްދުވިކަމެއް. އަޅުގަނޑު މި މަޤާމާއި ހާވަލުވި އިރުގަ ބައެއް އާޓިކަލްތަކުގަވެސް ޖަހާފަހުރި ފުޓުބޯޅަ ވެންޓިލޭޓަރުގެ އޮތް އިރުގަ ވަޒީރަށް ވެންޓިލޭޓަރުން ނެގޭނީތޯ ނުވަތަ އެހެން ހިސާބަކަށް އެކަންދާނީތޯ؟" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ފުޓުބޯޅަ އޮތް ހާލަތުން އެޔަށްވުރެ ރަނގަޅު ހާލަތަކަށް ގެނައުމަށް ކުރަންޖެހުނު މަސައްކަތްވީ ގޮންޖެހުންތައް ގިނަ ބުރަ މަސައްކަތަކަށްކަމަށެވެ. އެހެންނަމަވެސް އުންމީދާއެކު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފުޓުބޯޅައަށް މަޑުމަޑުން ދިރުން ގެނެވިއްޖެކަމަށާއި ކުރިއަށް އޮތް ދުވަސްތަކަކީ މިކުޅިވަރަށްވެސް ފާގަތި ދުވަސްތަކަކަށްވާނެކަމަށް ގަބޫލުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ފުޓުބޯޅަ އަލުން އިޔާދަކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން ކުލަބުތަކުގެ މަޝްވަރާ އާއި ލަފާ ހޯދާ ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުނުކަމަށް ވަޒީރު ހާމަކުރައްވާފަވެއެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތްކުރީ ފުޓުބޯޅަ ނަގާ ކޮޅަށް ޖެހޭނެގޮތަކީ ކޮބައިތޯ ބެލުމަށް. އޭގެ އެންމެ ރަނގަޅުގޮތަކަށް އަޅުގަނޑަށް ފެނުނީ ހަމަ ކުލަބުތަކާއި މަޝްވަރާކުރުން. އަދި މިކަން ކުރެވޭނެ ގޮތެއް ހޯދުން" ވަޒީރު ވިދާޅުވެފަވެއެވެ.

ފުޓުބޯޅައަށް ދިމާވި މައްސަލަ ހައްލުކުރުމަށް ފީފާގެ އެހީތެރިކަމާއި ޚިޔާލާއި މަޝްވަރާ ހޯދިފަވާއިރު ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ އިހުގެ ލެޖެންޑުންގެ އެއްބާރުލުމާއި އެހީތެރިކަންވެސް މިކަމަށް ލިބުނުކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"ކޮންގޮތަކަށް މިކަން ހަދައިގެންތޯ މިކަން ކުރެވޭނީ. ފީފާއާއި ކޮން ވާހަކައެއް ދައްކައިގެންތޯ، ކޮބާތޯ އެމީހުންގެ އެކްސްޕެކްޓޭޝަންއަކީ ސަރުކާރުން ކޮންކަމެއް ކޮށްދީގެންތޯ އެމީހުން އެކަންކުރާނީ. ބައިވަރު މަޝްވަރާތަކެއް އެކި ފަރާތްތަކާ ކުރެވިގެން ދިޔަ. އަދި ފުޓުބޯޅަ ކުޅެފަ ތިބި އަޅުގަނޑުމެންގެ ލެޖެންޑުންނާއި އެކިއެކި ގޮތްގޮތަށް ޚިދުމަތްކޮށްފަ ތިބި މީހުންނާވެސް މަޝްވަރާކުރިން" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އެއް ނަމްބަރު ކުޅިވަރު އަލުން އިޔާދަކުރުންވީ ގޮންޖެހުންތައް ގިނަ މަސައްކަތަކަށް ކަމަށް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ އެގޮންޖެހުންތައް ގިރާކޮށް އެމައްސަލައަށް ހައްލު ހޯދިއްޖެކަމަށެވެ. އެންމެން ގުޅިގެން ކުރެވުނު މަސައްކަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ދެއްވި އެއްބާރުލުން ބޮޑުކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"ފުޓުބޯޅަ ކުޅެން އެންމެންވެސް ބޭނުންވި. އެކަމަކު އެކުޅެން ބޭނުންވާއިރުގަ މިކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ އެ ސޮލިއުޝަން އެ ފޯރމިއުލާ ހޯދުމަކީ ވަރަށް އުނދަގޫކަމަކަށްވެފަ އޮތީ. އެހެންނަމަވެސް ކުރެވުނު މަސައްކަތުން އިރާދަކުރެއްވިއްޔާ އެކަންކުރެވޭނެ ގޮތް އަޅުގަނޑުމެންނަށް ހޯދި ސަރުކާރުން ވަކި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެއްބާރުލުން މި ފުރުސަތުގަ އަޅުގަނޑު ފާހަގަކޮށްލަން" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފުޓްބޯޅައިގެ ޙާލަތު ރަނގަޅުކުރުމަށް ފީފާގެ އެހީތެރިކަމާއެކު ނޯމަލައިޒޭޝަން ކޮމިޓީއެއް އުފައްދާ އެކޮމިޓީގެ ޚިޔާލާއެއްގޮތަށް އިޞްލާހުތަކެއް ގެނެވި އެފްއޭއެމްގެ އިންތިޚާބު ކާމިޔާބުކަމާއެކު ބޭއްވިގެން ދިއުމަކީ ކުޅިވަރުގެ ދާއިރާއިން ލިބުނު ބޮޑު ކާމިޔާބީއެކެވެ.

އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ އިންތިޚާބުވުމަށްފަހު މުބާރާތްތައް މާލެއާއި އަތޮޅުތެރޭގައި އަލުން ބާއްވަމުން އަންނައިރު ފުޓުބޯޅަ ކުރިއަރަމުން އަންނަކަމުގެ އުފާވެރި ކުލަތައް މިހާރުވަނީ ފެންނަންފަށާފައެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހަވަރަކަށް އަހަރަށްފަހު އަލުން އަންހެނުންގެ ލީގުވެސް މިހާރުވަނީ ފަށާފައެވެ. މިއީ މިކުޅިވަރުގައި ކަނބަލުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް އެފްއޭއެމްއިން ފެށި މަސައްކަތުގެ ދަށުން ކުރިއަށްދާ ލީގެކެވެ.