ޚަބަރު

ސަރަޙައްދީ އެއްބާރުލުން ދިރުވައި އާލާކުރަންޖެހޭ: ރައީސް


  • ދެކުނު އޭޝިއާ ސަރަޙައްދުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވި

  • ސަރަޙައްދީ އެއްބާރުލުމަށް އުފެއްދި ސާކަށް 40 އަހަރު ވަނީ ފުރިފައި

ސަރަހައްދީ އެއްބާރުލުން ދިރުވައި އާލާކުރުމުގެ މުހިންމުކަން ފާހަގަކޮށް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ޗާޓަރުގެ 40 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްޖޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސާކްގެ ސެކްރެޓަރީ ޖެނެރަލަށް މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ އިތުބާރު އަލުން ބިނާކޮށް، ސާކް ސަމިޓް ބާއްވައިގެން ޖަމްޢިއްޔާއަށް އަލުން ދިރުމެއް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދުގެ ޤާބިލުކަން އިތުރުކޮށް ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށްޓަކާ މަޝްވަރާއާއި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދިނުން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖްގައި ވަނީ ދުނިޔޭގައި އަދި ސަރަޙައްދީ ގޮތުން ކުރިމަތިވެފައިވާ އެތައް ގޮންޖެހުންތަކެއް ހައްލުކުރުމަށް އެއްބާރުލުން ދިނުމަކީ ބޭނުންތެރި ކަމެއްކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ކުރިމަތިލުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށާއި، އާންމު ޞިއްޙަތުގެ ނިޒާމުތައް ހަރުދަނާކުރުން ފާހަގަކުރެއްވިއެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ނުތަނަވަސްކަން ކުޑަކުރުމާއި، އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުން ފަދަ ކަންކަން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ސާކްގެ ތެރޭގައި މުއައްސަސާތަކުގެ އޮނިގަނޑެއް ހަރުދަނާ ކުރުމުގެ ސަބަބުން އެފަދަ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތް ދިނުމަށް މަގުފަހިވާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ މުޅި ސަރަހައްދުގައި ދެމިއޮންނަ ސުލްހައާއި ހަމަޖެހުމާއި ތަނަވަސްކަމަށް މާނަހުރި ގޮތެއްގައި މަސައްކަތް ކުރާ އަދި ކުރިއަށް ވިސްނާ ސާރކެއް އުފެއްދުމަށް ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ސާރކް ޗާޓަރ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުގައެވެ.