ޚަބަރު

އިޤްތިޞާދީ ތަރައްޤީއަށް، ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުން މުހިންމު: ޑރ. ކިނާނަތު


  • ސައިބަރ ނުރައްކާތަކަކީ، މުޖުތަމަޢުގެ ހުރިހާ ފަށަލައަކަށްވެސް ނުރައްކާ ހުރި ކަމެއް

  • މި ތަމްރީން ޕްރޮގްރާމްގައި ސަރުކާރުގެ އެކި އިދާރާތަކުން ބައިވެރިވޭ

ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދުގެ ކާމިޔާބީއާއި ތަރައްޤީއަށްޓަކައި، ސައިބަރ ސެކިއުރިޓީ ހަރުދާނާ ކުރުން މުހިންމު ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ނައިބު ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ޑރ. ކިނާނަތު މިހެން ވިދާޅުވީ، ސައިބަރ ހަމަލާތަކަށް ރައްކާތެރިވުމުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޓީމުތަކަށް ތަމްރީނު ދިނުމަށާއި، ކުޑަކުދިން ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތައް ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އަހުލުވެރިކުރުމަށް މީހުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެއެވެ. މިއީ، ނޭޝަނަލް ސައިބަރ ސެކުރިޓީ އެޖެންސީއާއި، ނެޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެެކެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ނައިބު ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ، ޤައުމީ ސީ.އެސް.އައި.އާރު.ޓީއަކީ ޤައުމީ އަދި އިޤްތިޞާދީ ސަލާމަތް ރައްކާތެރި ކުރުމަށާއި، ސަރުކާރުގެ އިދާރާތަކާއި، މުހިންމު އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއް ކަމަށެވެ. އެގޮތުން މި ތަމްރީނު ޕްރޮގްރާމާއި އެސެސްމެންޓްތަކުގެ ސަބަބުން، "ކުދިން ސައިބަރ ސެކިޔުރިޓީން ރައްކާތެރިކުރުން" އަދި "ޤައުމީ ސީ.އެސް.އައި.އާރު.ޓީ" އަށް ދިމާވާ މައިގަނޑު މައްސަލަތަކާއި ފުރުޞަތުތައް ދިރާސާކޮށް މަޝްވަރާ ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުން ކުދިންނަށް ދިމާވާ ކަންކަމުން ރައްކާތެރި ކުރުމަކީ، ބައިނަލްއަޤްވާމީ ގޮންޖެހުމެއްކަން ފާހަގަކުރައްވާ ޑރ. ކިނާނަތު ވިދާޅުވީ، އޮންލައިންކޮށް ދިމާވާ ނުރައްކާތަކުންނާއި ގެއްލުންތަކުން ކުދިން ސަލާމަތް ކުރުމަށްޓަކައި، އިންޓަރނެޓު މެދުވެރިކޮށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމުގެ ބާރު އެކުދިންނަށް ދިނުމަށްޓަކައި، ފުޅާ ނަޒަރަކުން ބަލައި، ޤައުމީ ފެންވަރުގައި މަސައްކަތްތައް ކުރުން މުހިންމު ކަމަށެވެ.

ޑރ. ކިނާނަތު ވިދާޅުވީ، ކޮންމެ ދެބައިކުޅަ އެއް ސިކުންތަކުން ފުރަތަމަ ފަހަރަށް ކުއްޖަކު އިންޓަނެޓަށް ވަންނައިރު މީގެ ކުރިން ނުދެކޭހާ ބާރު ދުވެއްޔެއްގައި ކުދިން ޑިޖިޓަލް ދުނިޔެއަށް ވަންނަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ސައިބަރ މައްސަލަތަކަކީ، މިއަދު ދިވެހި ރާއްޖޭގައި ސައިބަރގެ ހާލަތު ހުރި ގޮތް ވަޒަންކޮށް، ކުރިއަށް ދިއުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ވިދާޅުވިއެވެ. އަދި ކުދިންނަށް އޮންލައިންކޮށް ދިމާވާ ނުރައްކާތަކާއި، ސައިބަރ ނުރައްކާތަކަކީ، މުޖުތަމަޢުގެ ހުރިހާ ފަށަލައަކަށްވެސް ނުރައްކާ ކުރާ އެންމެ ބޮޑެތި ސަލާމަތީ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރެއްވިއެވެ.

"ކޮންމެ 39 ސިކުންތަކުން ދުނިޔޭގައި އަލަށް ސައިބަރ ހަމަލާއެއް ދެ. (ދުވާލަކު 2,200 ހަމަލާ). ޓެކްނޮލޮޖީއަށް އަޅުގަނޑުމެން ބަރޯސާވެފައިވާ މިންވަރު ބޮޑުވުމުގެ ސަބަބުން، އިތުރަށް މޮޅު ސައިބަރ ހަމަލާތަކުން އަޅުގަނޑުމެން އެންމެންނަށްވެސް ނުރައްކާ އެބަކުރޭ. ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދުގައި އަޅުގަނޑުމެންގެ އިޤްތިޞާދީ ކާމިޔާބީއާއި ތަރައްޤީއަށްޓަކައި، ސައިބަރ ސެކިއުރިޓީގެ ފުރިހަމަ ޤާބިލުކަމާއި ތައްޔާރުވުން ކޮންމެހެން ބޭނުންތެރި" ޑރ. ކިނާނަތު ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ޤައުމީ ސައިބަރ ރެޒިލިއެންސްއާއި، ކްރިޓިކަލް އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ބިނާކުރުމާއި، ޤައުމީ ކޮމްޕިއުޓަރ އިންސިޑެންޓް ރެސްޕޮންސް ޓީމްގެ ދައުރާއި، އޯޕަން-ސޯސް ޓޫލްސް ބޭނުން ކޮށްގެން ސީ.އައި.އާރު.ޓީ / އެސް.އޯ.ސީ ބިނާކުރުމާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސައިބަރ ތްރެޓް އިންޓެލިޖެންސް ޑިޒައިން ކުރުމާއި، ކުދިން އޮންލައިންކޮށް ރައްކާތެރި ކުރުމާއި ގުޅޭގޮތުންވެސް މިޕްރޮގްރާމްތަކުގެ ތެރޭގައި މައުލޫމާތާއި ތަމްރީނު ދިނުމަށް ހަމަޖެހިފައިވެއެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ސަރުކާރުގެ އެކި އިދާރާތަކުން ބައިވެރިވެއެވެ.