ޚަބަރު

ދިރާސީ އަހަރުގެ ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި


  • ސްކޫލު ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމުމަކީ އަމާޒެއް

  • ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު

އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން ފަށައިފިއެވެ.

އަހަރުތަކަކަށް ފަހު އަންނަ އަހަރަކީ އިހު އޮތްގޮތަށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާއަހަރެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަތޮޅުތަކުގެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ދުރާލާ ސްކޫލްތަކާއި އެ ވުޒާރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

ތަޢުލީމީ ވުޒާރާގެ އަމާޒަކީ ސްކޫލު ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމުންކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

ދިރާސީ އަހަރެއް ފެށުމުގެ ކުރިން ތަޢުލީމީ ވުޒާރާއިން އަންނަނީ ދަަރިވަރުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ކިޔެވުން ފެށުމުގެ ކުރިން ފޯރުކޮށްދިނުމާއި މުދައްރިސުން ހަމަކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ސްކޫލްތައް އާބާތުރަ ފިލުވުމުގެ މަސައްކަތަކީވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ކުރާ މުހިއްމު މަސައްކަތެވެ. މިގޮތުން އަންނަ ދިރާސީ އަހަރައް ތަައްޔާރުވުމަށް 40 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާކަމަށް ތަޢުލީމީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދިރާސީ އައު އަހަރަށް ތައްޔާރު ވަމުން އަންނައިރު ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލްއެއްގެ ކްލާސްރޫމްތައް އޭސީކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި ދިރާސީ އައު އަހަރުގައި ދަރިވަރުން ކިޔަވާނީ އެސީކޮށްފައިވާ ކްލާސްރޫމްތަކެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ތަރައްޤީކުރާ ފުރަތަމަ ސްކޫލް "ޝަހީދު އަލީ" ސްކޫލްގައި ކިޔެވުން ފަށާނެއެވެ.

މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 25 ވަނަ ދުވަހު ގައެވެ. އަދި ޗުއްޓީ ނިންމުމަށް ފަހު އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 ލިބޭއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާހަމައަށެވެ.

އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.

މިފަހަރުގެ ކަލަންޑަރުގައި ވަނީ އަލަށް ސްކޫލްއަށް ދަރިވަރުން ވައްދާ ތާރީޚާއި އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލުކުރެވޭނެ މުއްދަތުވެސް ހިމަނާފައެވެ. އެގޮތުން މެއިމަހުގެ 17 އިން ޖޫން 15 ހަމައަށް މުއްދަތެއް ހިމަނާފައިވާއިރު 18 އޮކްޓޫބަރުން 17 ނޮވްމެބަރާއި ދެމެދު އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލުކުރުމުގެ ފުރުޞަތު ދިނުމަށް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން އަންނަ އަހަރު އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 12 ޖުލައިން 31 އޯގަސްޓްއާ ހަމައަށެވެ.