ދިވެހިރާއްޖެއިން ލަންކާއަށް ހަދިޔާކުރާ، 25،000 މަސްދަޅު ކޭސް ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
ރާއްޖޭގެ ފަރާތުން މިތަކެތި ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދެވެ. އަދި ލަންކާގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގަތީ އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީ.އެމް.ސީ)ގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ބްރިގޭޑިއަރ ރޯޝަން ދަރްމާވަކްރަމާއެވެ.
ދިތުވާ ތޫފާނާ ގުޅިގެން ލަންކާއަށް ކުރިމަތިވި ކާރިސާގައި އެހީތެރިވެދިނުމަށް ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސް ދަޅު ކޭސް އެ ޤައުމަށް ހަދިޔާކުރައްވާފައެވެ.
މަސްދަޅު ކޭސް ލަންކާއަށް ފޮނުވާފައިވަނީ ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައި، 14 ކޮންޓެއިނަރުގައެވެ. މި ބޯޓު ލަންކާގައި ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މި އެހީތެރިކަން ރަމްޒު ކޮށްދެނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.
ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދެއްވި 50،000 ޑޮލަރުގެ ފައިސާވެސް މިހާރު ވަނީ، ލަންކާ ސަރުކާރާ ހަވާލުކުރައްވާފައެވެ. އަދި މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯންގައި، އެކިއެކި މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލަންކާއަށް އެހީވުމަށް 800،000 ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ. މި ފައިސާވެސް މިހާރު ވަނީ، ޚާރިޖީ ވުޒާރާއާއި ހަވާލުކޮށްފައެވެ.
ތޫފާން ދިތުވާގައި ސްރީލަންކާއިން 479 މީހުން މަރުވެ 350 މީހުން ވަނީ ގެއްލިފައެވެ. އެ ތޫފާނުގެ އަސަރު 1.2 މިލިޔަން މީހުންނަށް ކޮށްފައިވެއެވެ.