ދުބާއީގައި ބާއްވާ އޭޝިއަން ޔޫތު ޕެރަ ގޭމްސް 2025ގައި ވާދަކުރާ ރާއްޖޭގެ ޕެރަ އެތުލީޓުންނަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބުދުﷲ ރާފިޢު ހިތްވަރު ދެއްވާ ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.
އޭޝިއަން ޔޫތު ޕެރަ ގޭމްސް 2025ގައި ބައިވެރިވާ އެތުލީޓުން ރަނގަޅު ކާމީޔާބީއެއް ހޯދުމަށް އެދިވަޑައިގެން އެތުލީޓުންނަށް ވަޒީރު ހިތްވަރު ދެއްވީ ޖޯޒީ ހަވާލުކުރުމަށް އިއްޔެ ހ. ބޯޅަ ގޭގަ ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް އަދި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި އެމްއޯސީގެ ސެކެއްޓްރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.
ވަޒީރު ވަނީ ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާއި ޖޯޒީ ހަވާލުކޮށްދެއްވުމަށްފަހު އެކުދިން ވާދަކުރާ އިވެންޓުތަކުން ރާއްޖެއަށް ރީތިނަން ހޯދައިދިނުމުގެ އިތުރުން ކުޅިވަރުގެ ރޫހާއި އެއްގޮތަށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމަށް އެދިވަޑައިގެންފައެވެ.
އަދި ބައިނަލްއަގްވާމީ މުބާރާތްތަކަށް ދާ ޕެރަ އެތުލީޓުންނާއި، ރާއްޖޭގެ ޕެރަ އެތުލީޓު ކޮމިއުނިޓީގެ ކުރިއެރުމަށް ސަރުކާރުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަންވެސް ކުޅިވަރު ވަޒީރު ދެއްވިއެވެ.
އޭޝިއަން ޔޫތް ޕެރަ ގޭމްސް (އޭވައިޕީޖީ) އޮންނާނީ ޑިސެމްބަރު 7-14 އިގެ ނިޔަލަށެވެ. ދުބާއީގައި ބާއްވާ އެންމެ ބޮޑު ޕެރަ އިވެންޓުގައި މިއަހަރު ހިމަނާފައިވާ ކުޅިވަރުތަކުގެ ތެރޭގައި އެތުލެޓިކްސް، ސްވިމިން، ޕަވަރލިފްޓިން، ޓައެކްވުންޑޫ، ޓޭބަލް ޓެނިސް، ވީލް ޗެއަރ ބާސްކެޓް ބޯލް، ގޯލްބޯލް އަދި ޕެރަ އާރމްރެސްލިންގެ ހިމެނެއެވެ.
ރާއްޖޭގެ އެތުލީޓުން ފެތުމާއި އެތުލެޓިކްސް އިވެންޓްތަކުގައި ވާދަކުރާނެއެވެ. ޕެރަ ގޭމްސްގެ އެންމެ ބޮޑު އިވެންޓު އޮންނާނީ އަންނަ އަހަރު ޖަޕާނުގެ ނަގޯޔާގައެވެ.