ސްރީ ލަންކާއަށް އެެރި ތޫފާން ދިތުވާގައި ޙާލުގައި ޖެހިފައިވާ އެ ޤައުމުގެ ކިތުލްބައްދެ އަވަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އަދިވެސް ތިބީ އެހީދޭ މަރުކަޒުތަކުގައެވެ. އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ނުލިބޭ ކަމަށް އެ މީހުން ބުނެއެވެ. ގެދޮރަށް ލިބިފައިވާ ގެއްލުންތަކުގެ ބޮޑު ކަމުން އަނބުރާ ގެއަށް ގޮސް ދިރިއުޅުން އަލުން ބިނާ ކުރުމުގެ މަސައްކަތް ފެށުމަށް އެ މީހުން ތިބީ ބިރުގަނެ ފަސްޖެހިފައެވެ. ގިނަ ޢަދަދެއްގެ މީހުން އެހީދޭ މަރުކަޒުތައް ދޫކޮށް ދިޔުމަށް ފަސް ޖެހެނީ އެ މީހުންނަށް ރައްކާތެރިކަމުގެ އިޙްސާސް ނުކުރެވޭތީއެވެ.
ތޫފާން ދިތުވާގައި ސްރީ ލަންކާއިން 479 މީހުން މަރުވެ 350 މީހުން ވަނީ ގެއްލިފައެވެ. އެ ތޫފާނުގެ އަސަރު 1.2 މިލިޔަން މީހުންނަށް ކޮށްފައިވެއެވެ. ތޫފާނުގައި ޖުމްލަ 1،289 ސުންނާފަތިވެފައިވާއިރު، 44،500 ގެއަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.
އެހީދޭ މަރުކަޒުތަކުގައި ތިބި ގިނަ މީހުން ދުވާލު ގަޑީގައި އެ މީހުންގެ ގެދޮރާއި ދަނޑުތަކަށް ގޮސް، އެ ތަންތަނުގައި ކުރެވެން ހުރި ކަމެއް ކުރެއެވެ. ނަމަވެސް އަނދިރިވުމުން އެ މީހުން އަނބުރާ ދަނީ އެހީދޭ މަރުކަޒުތަކަށެެވެ. އެ މީހުން ބުނަނީ މުޅި ދިރިއުޅުން އެ ފުށް މި ފުށަށް ޖެހިފައިވާ މި ޙާލަތުގައި އެ މީހުންނަށް އިތުރު ގޮތެއް ނެތް ކަމަށެވެ.
ސްރީ ލަންކާގެ ސަރުކާރުން ވަނީ ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް ނަސޭހަތްތެރިވެފައެވެ. އިތުރަށް ވާރޭ ވެހިއްޖެނަމަ އެ ފަދަ ސަރަޙައްދުތަކުަގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ އިތުރު ހާދިޘާތައް ހިނގުން އެކަށީގެންވާ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ވަނީ ދީފައެވެ. ނަމަވެސް އެ ފަދަ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ދަނީ ވަށައިގެން މުޅިން ވެސް ވަނީ އެ ފަދަ ސަރަޙައްދުތައް ކަމަށް ފާހަގަކޮށް، ދުރު ހިސާބަކަށް ގޮސް އައު ދިރިއުޅުމެއް ފެށޭނެ މާލީ ފެންވަރު އެ މީހުންގެ ކިބައިގައި ނެތް ކަމަށް ބުނަމުންނެވެ.
ބައިނަލްއަޤްވާމީ މާލީ އިދާރާ، އައިއެމްއެފުން ބުނީ ކާރިޘާއަށް ފަހު ސްރީ ލަންކާގެ އިޤްތިޞާދީ ބޭނުންތަކަށް އައިސްފައިވާ ބަދަލުތައް ވަޒަންކުރަމުންދާ ކަމަށެވެ. ގެއްލުމުން އަރައިގަތުމުގައި ސްރީ ލަންކާއަށް ވާގިވެރިވެވޭނެ ގޮތްތައް އައިއެމްއެފުން ބަލާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.