ޚަބަރު

ވަކި ފަރާތަކަށް ބުރަވެ ޚަބަރު ފެތުރުމަކީ ނޫސްވެރިކަމެއް ނޫން، އެއީ ސިޔާސީ އެކްޓިވިޒަމް: ރައީސް


  • ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ ޒިންމާދާރު ކަމެއްކަމަށް

  • އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ޕޮލިސީއެކޭ ވިދާޅުވުމުން ޕްރޮޕެޝަނަލިޒަމް ގެއްލުނީ

ވަކި ފަރާތަކަށް ބުރަވެ ޚަބަރާއި މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަން ނޫންކަމަށާއި އެއީ ސިޔާސީ އެކްޓިވިޒަމްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާފަންނުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި މާފަންނަށް ނިސްބަތްވާ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މާފަންނުގެ ރައްޔިތުންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިއަކު ވަނީ އަދުގެ ސަރުކާރުން ނޫސްވެރިންގެ އަޑު ކަނޑުވާލަން މަސައްކަތްކުރާކަމުގެ ތުހުމަތުކުރައްވާފައެވެ. މިކަމަށް ރައްދުދެއްވައި ރައީސް ވަނީ އަދުގެ ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުޞަތުދޭ ސަރުކާރެއް ނެތްކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ނޫސްވެރިންގެ ސުވާލުތަކަށް ފުރުޞަތުދޭން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިކަމަށާއި ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދެވިކަމަށެވެ. ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ފުރުޞަތުތައް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނޫސްވެރިކަމަކީ ނުހަނު ޕްރޮޕެޝަނަލް އަދި ޒިންމާދާރުކަމާއެކު ކުރަންޖެހޭކަމެއްކަމަށާއި، ނޫހަކުން ތިމަންނަމެންގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާއި ދެކޮޅު ޕޮލިސީއެކޭ ރަސްމީކޮށް ބައްދަލުވުމެއްގައި ވިދާޅުވުމުން ޕްރޮޕެޝަނަލިޒަމް ގެއްލުނީކަމަށާއި އެއީ ނޫސްވެރިކަން ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ޕޮލިޓިކަލް އެކްޓިވިޒަމްކަމަށެވެ.

"މިހެން މި ދަންނަވަންޖެހުނީ އަޅުގަނޑާއި އެކީގައި އެންމެ ފަހުން ނޫސްވެރިންގެ ތެރެއިން ބޭފުޅުންކޮޅެއް ވަޑައިގެން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ދެންމެގައި އަޅުގަނޑާއި ސުވާލުކުރެއްވި ނޫސްވެރިޔާގެ އެޑިޓަރ ނުވަތަ އިސްވެރިޔާ ވިދާޅުވީ ތިމަންނަމެންގެ ނޫހަކީ ސަރުކާރާއި ދެކޮޅު އެޑިޓޯރިއަލް ޕޮލިސީއެއް އޮންނަ ނޫހެކޭ. އެހިސާބުން އޭގެ އަންބަޔަސްކަން ގެއްލުނީ. ވަކި އަތަކަށް ޖެހިފައި އެވަނީ. އެހެންވީމަ އެ ޕޮލިސީ ކަނޑައަޅައިގެން ކުރިއަށްދާއިރަކު ދެން ލެންސް އިންނާނީ އިދިކޮޅު ލެންސެއް. ހަމައެކަނި ނޫސްވެރިކަމެއް ނޫން. އެއީ ޕޮލިޓިކަލް އެކްޓިވިޒަމް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ ފެކްޓާއިއެކު ގެނެސްދޭންޖެހޭ އެއްޗެއްކަމަށެވެ. ނޫސްވެރިކަމަކީ ދެފަރާތް ހަމަހަމައަށް ބަލައިގެން ހަޤީގަތް ހާމަކުރުމުގެ ގޮތުން ކުރާކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.