ޚަބަރު

"ވިހިވަނަ މަޖިލިސް އޮންނާނީ ރައްޔިތުންނާއެކު، ސުޕަމެޖޯރިޓީގެ މަންފާއެއް ނުނަގާނެ"


  • 20ވަނަ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރަނީ ވަރަށް ޒިންމާދާރު ކަމާއެކު

  • ޤާނޫނުތަކަށް ބަދަލުގެންނަނީ އޭގެ ސަބަބުން އެންމެ ބޮޑަށް ލާބަޔާއި މަންފާ ކުރާނެ ގޮތަކަށް

ވިހިވަނަ ރައްޔިތުންގެ މަޖިލިސް އޮންނާނީ އަބަދުވެސް ރައްޔިތުންނާއެކު ކަމަށާއި ސުޕަމެޖޯރިޓީގެ މަންފާ މަޖިލީހުގެ މެންބަރުން ނުނަންގަވާނެ ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ވިހިވަނަ މަޖިލީހުން މިހާތަނަށް މަސައްކަތް ކުރަމުން އައީ އަދި ކުރަމުންގެންދާނީވެސް ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި މަޖިލީހުގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި މަޖިލިސް އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނާއެކުގައި ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުމުގައިވެސް މި ފާއިތުވެދިޔަ ދުވަސްތަކުގައި ނަމޫނާ ދައްކާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ ވިހި ވަނަ މަޖިލީހުގެ މެންބަރުންނަކީވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކުރާ ބައެއް ކަމަށާއި މަޖިލީހަށް މި ނިމުނު ދައުރުގެ ތެރޭގައި 82 ބިލެއް ހުށަހެޅި 60 ބިލުގެ މަސައްކަތް ނިންމާފައިވުމުން އެކަން ސާބިތުވެގެންދާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ ދައުރު އަދާނުކުރައްވައިގެންވެސް ނިމުނު ދައުރުގެ ތެރޭގައި އެއްވެސް މަސައްކަތެއް ފަސްޖެހިފައި ނުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން އުއްމީދުކުރާ ނުވަތަ މަޖިލީހާ ދޭތެރޭގައި ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި 20ވަނަ މަޖިލިސް ވަރަށް ސާބިތުކަމާއެކު އޮންނާނެ. 20ވަނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އަދި ރައްޔިތުން ބޭނުންވާ އުއްމީދުތައް ހާސިލްކުރުމަށް ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަޖިލީހުގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރުމަށް،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ފޮނުވާ ބިލުތައް ރަނގަޅަށް ދިރާސާނުކުރާ ކަމަށް ތުހުމަތު ކުރެވޭ ވާހަކަތަކަށް ރައްދުދެއްވައި މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހަށް ބިލެއް ހުށަހެޅުމުން އެ ބިލަކީ ޤާނޫނުއަސާސީ ނުވަތަ ޤާނޫނުތަކާ ތަޢާރުޒުނުވާ ބިލެއްނަމަ އެ ބިލެއް ފާސްކުރަނީ ރަނގަޅަށް ދިރާސާ ކުރުމަށްފަހު ކަމަށެވެ. އަދި މަޖިލީހުން އިސްލާހުތައް ގެންނަން ފެންނަނަމަ އެ އިސްލާހުތައްވެސް މިހާތަނަށް ފާސްކޮށްފައިވާ ގިނަ ބިލުތަކުގައި ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީއެންސީއަށް ވިހިވަނަ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައި އޮތް ނަމަވެސް އޭގެ މަންފާ އެ ޕާޓީން ނުނަންގަވާނެ ކަމަށާއި މަޖިލިސް މަސައްކަތް ކުރަމުންދަނީ ހުރިހާ މެންބަރުންނަށްވެސް ހަމަހަމަ ފުރުސަތު ދީގެން، ރައްޔިތުންގެ ފައިދާއަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން، ޤާނޫނުތަކަށް ބަދަލުގެނައުމުގައިވެސް ރައްޔިތުންނަށް އޭގެ ސަބަބުން އެންމެ ބޮޑަށް ލާބަޔާއި މަންފާ ކުރާނެ ގޮތެއް ބަލައި އެގޮތަކަށް ބަދަލުތައް ގެންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.