ޚަބަރު

ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1ގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި


  • ފުރަތަމަ ފިޔަވަހި ކުރިއަށްގެންދަނީ 5 ސެގްމަންޓަކަށް ބަހާލައިގެން

  • ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު

ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1ގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ. ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިއަދުއެވެ.

ބޮޑުތަކުރުފާނު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލްއާ ހަމައަށެވެ. މިފިޔަވަހި ކުރިއަށްގެންދަނީ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

ސެގްމަންޓް 1ގެ މަސައްކަތް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ކުރިއަށްދެއެވެ. އެއީ 130 މީޓަރުގެ ސަރަޙައްދެކެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ ސެގްމަންޓް 1 ގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

މިމަސައްކަތުގެ ތެރޭގައި ހިމަނައިގެން، އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީކޮށްފައިވަނީ މަގު ފުޅާކުރުމަށްޓަކައި ބޭރުތޮށި 6 މީޓަރު ބޭރަށް ޖެއްސުމަށްފަހުއެވެ. މަގު ތަރައްޤީކުރަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުއެވެ.

މުޅި މިމަޝްރޫޢުގެ 5 ސެގްމަންޓްގައި ޖުމްލަ 830 މީޓަރުގެ މަގު ތަރައްޤީކުރެއެވެ. މަސައްކަތްތައް އަވަސްކުރުމަށްޓަކައި އެމްޓީސީސީން 24 ގަޑިއިރު އަންނަނީ މަސައްކަތް ކުރަމުންނެވެ. 4 ލޭނަކަށް ތަރައްޤީކުރާ މިމަގުގެ މަސައްކަތް ނިމޭއިރު، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ. މަގުގައި ހިނގާ މީހުންނަށް ޚާއްސަ ލޭނެއްވެސް ހިމެނޭނެއެވެ. މިމަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

ބޮޑު ތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާއިރު އެމްޓީސީސީން މިހާރު އަންނަނީ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްވެސް ތައްޔާރުވަމުންނެވެ. އެގޮތުން އެ މަސައްކަތް ކުރުމަށްޓަކައި ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދާ ހަމައަށް ތަރައްޤީކުރުމަށްޓަކައި އާންމުގެ ޚިޔާލު ހޯދާ އީއައިއޭ ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 1 އަހަރާއި 3 މަސްތެރޭގައި ނިންމާގޮތަށެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 144.5 މިލިޔަން ރުފިޔާއަށެވެ.