އިންޑިޔާގެ މަޝްހޫރު އެއާލައިން، އިންޑިގޯގެ 175 އުދުހުން ކެންސަލް ކުރުމާ ގުޅިގެން އެތަކެއް ހާސް ފަސިންޖަރުން ވައިގެ ބަނދަރުތަކުގައި ތާށިވެ އެތަކެއް ގަޑިއިރެއް ހޭދަކުރަން ޖެހިއްޖެއެވެ. މި ކަމާ ގުޅިގެން އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުން ތާށިވެފައި ވަނީ ވެރިރަށް ނިއު ދެއްލީގެ އިތުރުން މުމްބާއީ، ހައިދަރްއާބާދު، ޕޫނޭ އަދި ބެންގަލޫރުގެ ވައިގެ ބަނދަރުތަކުގައެވެ. މިއީ، އިންޑިޔާ ސަރުކާރުން ވައިގެ އުދުހުންތަކުގެ ދާއިރާއަށް އަލަށް ތައާރަފު ކުރި ޤަވާއިދުތަކަށް ޢަމަލު ކުރަން ފެށުމުން ކުރިމަތިވެގެން އުޅޭ މައްސަލައެއް ކަމުގައި އިންޑިޔާގެ ވައިގެ އުދުހުންތަކުގެ ދާއިރާގެ މާހިރުން ބުންޏެވެ.
ޑިސެންބަރު 4ވަނަ ދުވަހު އިންޑިގޯގެ 175 އުދުހުން ކެންސަލް ކޮށްފައިވާއިރު، އޭގެ ކުރީ ދުވަހު ވެސް އެ އެއާލައިންގެ 150 އުދުހުން ކެންސަލް ކޮށްފައިވެއެވެ. އިންޑިޔާގެ ޕައިލެޓުންގެ އިއްތިޙާދުން ބުނީ، ޕައިލެޓުންނަށް އަރާމު ދިނުމާއި، ރޭގަނޑުގެ ވަގުތުގައި ދަތުރު ކުރުމާ ބެހޭ އައު ޤަވާއިދަށް ނޮވެންބަރު މަހުގެ 1ވަނަ ދުވަހު ޢަމަލު ކުރަން ފަށާފައިވާ ކަމުގައެވެ. ޕައިލެޓުންގެ އިއްތިޙާދުން ބުނީ، އެ ސިޔާސަތުތަކާ އެއްގޮތަށް ޕައިލެޓުންގެ ޑިއުޓީ އިންތިޒާމުތައް ހަމަޖެއްސުމުގައި އިންޑިގޯ ފޭލުވެފައިވާ ކަމުގައެވެ.
އައު ޤަވާއިދާ އެއްގޮތަށް ޑިއުޓީތައް ބައްޓަން ކުރަން ޖެހުމުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބައެއް އުދުހުންތައް ކެންސަލް ކުރަން ޖެހިފައިވާ ކަމުގައި އިންޑިގޯއިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، އުދުހުންތައް ކެންސަލް ކުރަން ޖެހި، އެތަކެއް ހާސް ފަސިންޖަރުންގެ ދަތުރަށް ހުރަސް އެޅުމުން އެ އެއާލައިނުން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ. މި ކަމާ ގުޅިގެން އިންޑިގޯގެ ގިނަ ފަސިންޖަރުންތަކެއް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
އިންޑިޔާގެ އެތެރޭގެ އުދުހުންތަކުގެ ބާޒާރުގެ %60 ހިއްސާ ކުރަނީ އިންޑިގޯންނެވެ. ނަމަވެސް، މި މައްސަލަގަނޑާ ގުޅިގެން ހިއްސާގެ ބާޒާރުގައި އިންޑިގޯގެ ހިއްސާގެ އަގަށް ވަނީ ލޮޅުން އަރައި، %3.4 ދަށަށް ގޮސްފައެވެ. މުޅި ހަފުތާއަށް ބަލާއިރު އިންޑިގޯގެ ހިއްސާގެ އަގު ވަނީ %6 ދަށްވެފައެވެ. ވައިގެ އުދުހުންތަކުގެ ޤަވާއިދަށް ގެނައި އައު ބަދަލުތަކާ ގުޅިގެން، ވައިގެ އުދުހުންތަކުގެ ޚިދުމަތްދޭ އެހެން ކުންފުނިތައް ކަމުގައިވާ އެއަރ އިންޑިޔާއާއި ސްޕައިސްޖެޓާއި އަކާސާ އެއަރގެ ޚިދުމަތްތަކަށް އަސަރު ކޮށްފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.