ޚަބަރު

ހަފުތާ ބަންދަށް މޫސުން ގޯހެއް ނޫން؛ އެހެންނަމަވެސް އާދިއްތަ ދުވަހުން ފެށިގެން ވިއްސާރަ ކުރާނެ


  • ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ މެދުރާއްޖެތެރެއަށް

  • ބ. އަތޮޅުން ފެށިގެން އއ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައި

ހަފްތާ ބަނދަށް މޫސުން ގޯސް ނޫން ނަމަވެސް އަންނަ ހަފްތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް 24 ގަޑިއިރުގެ އުތުރާއި ދެކުނު އަތޮޅުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. މިއާއެކު ދެކުނާއި މެދު ރާއްޖެ ތެރޭ ހިމެނޭ ސަރަހައްދުގައި ހުޅަނގާއި ހުޅަނގު އުތުރުން 8 މޭލާއި 18 މޭލާއި ދެމެދު ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް ވައި މަޑުވާނެ ކަމަށް އެއިދާރައިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކަނޑުތައް ދެކުނާއި މެދުރާއްޖޭތެރޭގެ ސަރަހައްދުތަކަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އއ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު 6:30 އިން 10:30 އަށެވެ.

އެއިދާރާއިން ވިދާޅުވީ ހަފުތާ ބަނދަށް ބަލާއިރު މޫސުން އެހާ ބޮޑަށް ގޯސްވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. ނަމަވެސް އާދީއްތަ ދުވަހުން ފެށިގެން ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަންނަ ހަފްތާގައި ވިއްސާރަކޮށް ދެއްކިނަމަވެސް އާންމު ވައި އެހާ ގަދަވާނެ ކަމަށް ނުބެލެވޭކަން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ފާހަގަކުރެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި ވޭތުވެ ދިޔަ 24 ގަޑިއިރު އެންމެ ބޮޑަށް ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެރަށަށް 63.5 މިލިމީޓަރު ވާރޭ ވެހިފައިވެއެވެ.

މިވަގުތު ރާއްޖެ ސަރަހައްދަށް މޫސުން އެހާ ބޮޑަށް ގޯސްކޮށް ނުދެއްކި ނަމަވެސް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިދާރާއިން މޫސުމާއި ގުޅިގެން ނެރޭ އެކި އަޕްޑޭޓްތަކަށް ސަމާލުވުމަށް އިލްތިމާސްކުރާއްވާފައެވެ.