ދިވެހިރާއްޖެއިން ލަންކާއަށް ހަދިޔާގެ ގޮތުގައި ފޮނުވާ މަސްދަޅު ކޭސްތައް، އެ ޤައުމަށް ފޯރުކޮށްދިނުމަށް ރާއްޖޭގެ ޝިޕިންގ ކުންފުނީގެ ބޯޓު ފުރައިފިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގެލަނާ ކާގޯ ބޯޓު ފުރާފައިވަނީ، ރޭގެ ވަގުތެއްގައެވެ.
ދިވެހިރާއްޖޭގެ ސަރުކާރުން ސްރީލަންކާއަށް ހަދިޔާގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ، 50،000 ޑޮލަރާއި 25،000 މަސް ދަޅު ކޭހެވެ.
މިއީ، ދިތުވާ ތޫފާނާ ގުޅިގެން ސްރީލަންކާއިން ޙާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ރައްޔިތުންގެ ފަރާތުން ސަރުކާރުން ދޭ ހަދިޔާއެކެވެ. 25،000 ކޭސް މަސްދަޅަށްވާ، 14 ކޮންޓެއިނަރު ހިފައިގެން ގެލަނާ ބޯޓުގައި ލަންކާއަށް ގެންދިއުމުގެ ދަތުރު މިހާރުވަނީ ފަށާފައެވެ.
މި އެހީތެރިކަން ރަމްޒު ކޮށްދެނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ދޭން ނިންމާފައިވާ 50،000 ޑޮލަރުގެ ފައިސާވެސް މިހާރު ވަނީ، ދިވެހި ސަރުކާރުގެ ފަރާތުން ލަންކާ ސަރުކާރާއި ޙަވާލުކުރައްވާފައެވެ.
އަދި މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯންގައި، އެކިއެކި މުވައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލަންކާއަށް އެހީވުމަށް 800،000 ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ. މި ފައިސާވެސް މިހާރު ވަނީ، ޚާރިޖީ ވުޒާރާއާއި ހަވާލުކޮށްފައެވެ.