ޚަބަރު

ޝަމާއީލް މާފަށް އެދުމުން ޝަރުތުތަކަކާއެކު ލާމު މުބާރާތުގައި ކުޅުމުގެ ހުއްދަ ދީފި


  • ލާމަސީލު ލާމު މުބާރާތް ނިންމުމަށްފަހު 7 ދުވަހުގެތެރޭގައި އެސޯސިއޭޝަނަށް ރިޕޯޓް ކުރުމަށް ވަނީ ޝަރުތުކޮށްފަ

  • ޝަމާއީލު ވަނީ އޭނާގެ ކުށްގަބޫލުކޮށް އެސޯސިއޭޝަނުގެ ގަވާއިދުތަކަށް އިހްތިރާމުކުރާނެކަން އަންގާ މާފަށް އެދިފަ

ގައުމީ ސްކޮޑުން ވަކިކުރި ޝަމާއީލް ހުސެއިން މާފަށް އެދުމުން ޝަރުތުތަކަކާއެކު ލާމަސީލު ލާމު މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދީފިއެވެ.

މިއަހަރު އަލަށް އެކުލަވާލި ސީނިއާ ގައުމީ ޓީމުގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާކަމަށްވާ ޝަމާއީލް، އެސޯސިއޭޝަނުގެ ހުއްދަ ނުނަގާ ލާމު އޮތޮޅުގައި އޮތް މުބާރާތުގައި ކުޅުމުގެ ސަބަބުން ގައުމީ ޓީމުން ވަކިކުރިކަން ވީއޭއެމް އިން އެންގީ ހޯމަ ދުވަހުއެވެ. އެސޯސިއޭޝަނުން ބުނީ އޭނާއަށް ކުރެވުނީ ކުށެއްކަން ގަބޫލުކޮށް ދެން އެފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދީ ރޭގެ ވަގުތެއްގައި ޝަމާއީލު މާފަށް އެދި ވީއޭއެމަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ވީއޭއެމްއިން އެ ސިޓީއަށް މިއަދު ދީފައިވާ ޖަވާބުގައި ބުނެފައިވަނީ ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ އެކި މުބާރާތްތަކުގައި ކުޅުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކުރެވި އޮތުމުން އޭނާ ގައުމީ ސްކޮޑުން ވަކިކުރިފަހުން އޭނާ މާފަށް އެދިފައިވާތީ އެ މުބާރާތް ނިންމުމަށްފަހު ގިނަ ވެގެން 7 ދުވަހުގެތެރޭގައި އެސޯސިއޭޝަނަށް ރިޕޯޓް ކުރުމަށް ޝަރުތުކޮށް ލާމަސީލު ލާމު މުބާރާތުގައި ކުޅުމުގެ ހުއްދަ އޭނާއަށް ދޭ ކަމަށެވެ.

ވީއޭއެމްއިން ޝަމާއިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޝަމާއީލް ލާމު އަތޮޅު މުބާރާތުގައި ވާދަކުރުމަށް ބޭނުންވާތީ ރިލީޒަށް އެދި ހައްދުންމަތި މާވަށު ކައުންސިލް އިދާރާއިން ފޮނުވާފައިވާ ސިޓީއަށް ރިއާޔަތްކޮށް، އަދި އެ މުބާރާތުގެ ކުރިޔަށް ހުރި މެޗުތައް ހުއްޓާލާފައިވާތީ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށް ލިބޭނެ ގެއްލުންތަކަށް ރިއާޔަތް ކުރުމަށްފަހު އެ މުބާރާތުގައި ކުޅުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އަދި އެސޯސިއޭޝަނުގެ ލީގަލް ކޮމިޝަނުން މިކަމާއި ގުޅިގެން ބަލަމުންދާ މައްސަލައަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އޭނާއަށް ވަނީ އެސޯސިއޭޝަނުގެ މި ސިޓީގައި އަންގާފައެވެ. ޝަމާއީލު ވަނީ އޭނާގެ ކުށް ގަބޫލުކޮށް ކުރިޔަށް އޮތްތަނުގައި އެސޯސިއޭޝަނުގެ ގަވާއިދުތަކަށް އިހްތިރާމުކުރާނެކަން އަންގާ މާފަށް އެދިފައެވެ.

ވީއޭއެމްއިން ޝަމާއިލްއަށް ލާމު މުބާރާތުގައި ކުޅުމުގެ ހުއްދަދީފައި މިވަނީ ގިނަ އަދަދެއްގެ އާއްމުންނާއި ވޯލީބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ ކޯޗުންނާއި ކުޅުންތެރިންގެ ފާޑުކިޔުންތައް ވީއޭއެމްއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިންވެސް ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ވާދަކުރުމުގެ ހުއްދަ ދެނީ ވަކި އުސޫލުތަކެއްގެ މަތިން ކަމަށްވާއިރު އެސޯސިއޭޝަނުގެ ހުއްދަ ނުނަގާ ކުޅުންތެރިން ވީއޭއެމް އާއި އެހެން ކުޅިވަރު އެސޯސިއޭޝަންތަކުންވެސް ވަކިކުރެއެވެ.

ލާމަސީލު ލާމު މުބާރާތުގައި ރާއްޖޭގެ ސީނިއާ ގައުމީ ވޮލީ ޓީމުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންވެސް ވާދަކުރެއެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އެ ކުޅުންތެރިން ވާދަކުރަނީ އެސޯސިއޭޝަނުގެ ގަވާއިދުތަކާއި އެއްގޮތަށް ހޯދަންޖެހޭ ރިލީޒް ހޯދައިގެން ހުއްދަ ނަގައިގެންނެވެ.