ޚަބަރު

ނަތީޖާ ނުނެރެވޭނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ: ވަޒީރު އިޙްސާން


  • ލޯކަލް ޕޮލިސިން ކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ކޮމާންޑްތަކުން ބައިވެރިވޭ

  • މިއީ، 2 ދުވަހުގެ ކޮންފަރެންސެއް

ފުލުހުންގެ ޚިދުމަތަކީ، ވަރަށް ޒިންމާދާރު ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ކަމަށާއި، އެ މަޤުޞަދަށް މަސައްކަތް ނުކުރާނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، "ލޯކަލް ޕޮލިސިންގ ކޮންފަރެންސް 2025" ފެށުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް 90 އަހަރުވެފައިވާއިރު، ޒަމާނީ ބަދަލުތަކަށް މަސައްކަތް ކުރަން ފެށީ މީގެ 20 ވަރަކަށް އަހަރު ކުރިން ކަމަށެވެ. ނަމަވެސް މިހާރުގެ މުޖުތަމަޢަށް ބަލާނަމަ ވަރަށް ހަލުވި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.

އަދި ޤާނޫނުތަކަށް އަންނަ ބަދަލުތަކާއި މީހުންގެ ވިސްނުމާއި ޓެކްނޮލިޖީގެ އިތުރުން ކުށުގެ ވެއްޓަށްވެސް އަވަސް ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. މީގެއިތުރުން ކޮންމެ ސަރުކާރެއްގެ ސިޔާސަތާއި އެއްގޮތް ކުރުމަށް، ކަނޑައަޅާ ބަދަލުތަކަށްވެސް ރިޢާޔަތްކުރަންޖެހޭ ކަމަށްވެެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރަނީ ފްރަންޓް ލައިން އޮފިސަރުން ކަމަށެވެ. އަދި ލޯކަލް ޕޮލިސް ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީވެސް، ޚިދުމަތުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ފުލުހުންގެ ޚިޔާލާ މަޝްވަރާ ހޯދައިގެން ސިޔާސަތުތައް ކަނޑައެޅުން ކަމަށެވެ.

މީގެއިތުރުން ފުލުހުންގެ ހުރި ވަސީލަތްތައް ބޭނުން ކޮށްގެން ޚިދުމަތް ދިނުމުގެ ސިޔާސަތުތައް އަލުން ތަރުތީބު ކުރެވި ރައްޔިތުން ބޭނުންވާ ފަދަ ބަދަލުތަކެއް ޚިދުމަތް ދިނުމުގައި ފެނިގެން ދިއުން ކަމަށާއި، މިކަން ތަންފީޒުކުރޭތޯ ބެލުމަށްވެސް ހަރުދަނާ ގޮތްތަކެއް މިކޮންފަރެންސުން ކަނޑައަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

" ތަޙުޤީގުތައް އަވަސްކުރުން، ފުލުހުންގެ އެންގޭޖްމަންޓް އިތުރުކޮށް މަގުމައްޗަށް ނިކުމެ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުން، ޖަވާބުދާރިވުން ރަނގަޅު ކުރުން، އޮޕަރޭޝަންތައް އިތުރުކުރުން، ކުށްތައް މަދުވުން އަދި އެންމެ މުހިންމު ކަމަކީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ލިބެންވާ ސަލާމަތާއި ރައްކާތެރިކަން ލިބޭ ކަމުގެ އިހުސާސު ރައްޔިތުންނަށްވުން. އެހެން ނޫންނަމަ ފުލުހުންގެ ޚިދުމަތުގައި މަސައްކަތެއް ނުކުރެވޭނެ." ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، މި ކޮންފަރެންސްގެ އެންމެ މުހިންމު މަޤުޞަދަކީ އަތޮޅުތަކުގައި ފުލުހުންގެ ބައިވެރިވުން އިތުރުކޮށް ޚިދުމަތް ދެވޭނެ ގޮތްތަކެއް ކަނޑައެޅުން ކަމަށެވެ. ކޮންމެ ރަށެއްގައި ހުރިހާ ވަސީލަތްތައް ޤާއިމުވެފައި ނެތްނަމަވެސް، ރަށްރަށުގައި ޚިދުމަތް ދޭނެ ޤާބިލުކަމާއި ހުނަރުތައް އެފަދަ ވެށިތަކަށް ބިނާކޮށް ދިނުމަކީވެސް މިކޮންފަރެންސްގެ މަޤްސަދެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

"187 ރަށުގައި މިއޮތީ ޚިދުމަތް ފެށިފައި. ވަރަށް ބޮޑު ފޯކަސްއެއް އެސަރަޙައްދެއްގެ ވެއްޓާއި، އަދި ކުށުގެ ކަންކަން ހުރިގޮތަށް ބަލާ ފުލުހުންނަށް ތަމްރީން ދިނުމަކީ. ތަޙުޤީޤީ ދާއިރާގައިވެސް ފުލުހުން މަދު، ތަޙުޤީޤީ ދާއިރާގެ ފުލުހުން އިތުރުކުރާނަން. ސްޓްރެޓެޖިކް ޕޮލިސް ރިކުއަރމަންޓްތައް ހަރުދަނާކޮށް އެކަށައެޅި، މި މަސައްކަތްތައް ވަރަށް އަވަހަށް ފަށާނަން." ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، 2004ވަނަ އަހަރުން ފެށިގެން، މިއީ މުޅި ފުލުހުންގެ ޚިދުމަތް ހިމެނޭހެން ގެންދެވޭ އެންމެ ބޮޑު މަޝްވަރާ ބައްދަލުވުން ކަމަށެވެ. ޚާއްސަކޮށް ލޯކަލް ޕޮލިސިންގެ ދާއިރާގައި ގެންދެވޭ އެންމެ ފުޅާ މަޝްވަރާ ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއްގެ ފުލުހުންގެ ކޮމާންޑްތަކުން ބައިވެރިވެއެވެ.