ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި


  • މިއީ، ކިންގް ޗަރލްސް ތިންވަނައިގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެއް

  • އެސްއެމްއައިގެ 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން'ގައި ރައީސް ބައިވެރިވެ ވަޑައިގެންނެވި

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗަރލްސް ތިންވަނައިގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނު މާލެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާއި ދައުލަތުގެ އިސްވެރިންނެވެ.

އެމަނިކުފާނު މި ދަތުރުފުޅުގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ، މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. މިއީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއަށްގެންދާ ހައި-ލެވެލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކިންގް ޗަރލްސްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ހައި-ލެވެލް ބައްދަލުވުމުގައި ބައިވެެރިވެ ވަޑައިގެންފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ޤައުމުތަކުން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމުގައި އެމް.ޑީ.ބީތައް މެދުވެރިކޮށް ޕްރައިވެޓް ފައިނޭންސް މޮބިލައިޒްކުރުމުގެ މަސައްކަތްތައް ހަލުވިކުރުމެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، "ޑެޓް-ފޮރ-ކްލައިމެޓް" އަދި "ޑެޓް-ފޮރ-ނޭޗަރ" މަޝްރޫޢުތައް ކުރިއެރުވުމަށާއި، ތިމާވެއްޓާއި ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާއި ގުޅޭ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވާ، އެކަންކަމަށް ޙައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ހުށަހަޅުއްވާފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން މޫސުމީ ބަދަލުތަކަށް އެކަށޭނެ، އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މިފަދަ އެހީތެރިކަމުގެ ފުރިހަމަ މަންފާ ލިބިގެންދާނެ ގޮތްތަކަށް ވަކާލާތު ކުރުމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އިތުރަށް އުފުލުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.

ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވްގެ މި ބައްދަލުވުމަކީ، ސަރުކާރުތަކުގެ ލަނޑުދަނޑިތަކާއި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ގުޅުވައިލުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރާ މުހިންމު މަސައްކަތެކެވެ.