ލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި އެ ޤައުމަށް އެހީތެރިވުމަށް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ސިލޯނާއެކު ދިވެހީން ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފިއެވެ.
މި އެހީ ޚާރިޖީ ވުޒާރާއާ ހަވާލުކުރީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ. ފައިސާއާ ޚާރިޖީ ވުޒާރާގެ ފަރާތުން ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. މި ޓެލެތޯނަށް ޖުމުލަ 800،352 ޑޮލަރު ލިބިފައިވެއެވެ.
37 މީޑިއާއެއް ގުޅިގެން ބޭއްވި މި ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ މިއަދު މެންދުރުފަހު 14:00ގައެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޓެލެތޯނަށް ޚާއްސަ އެކައުންޓެއް ބީއެމްއެލްއިން ހަމަޖައްސައިދިންއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވެއެވެ. އަދި މިކަން ކުރިއަށްގެންދިޔައީ މިނިވަން އޮޑިޓް ފާމެއްކަމުގައިވާ ކްރޯ މޯލްޑިވްސް ބެލުމުގެ ދަށުން ދެފުށް ފެންނަގޮތަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށެވެ.
ޓެލެތޯންއަށް ލިބުނު ފައިސާ ގުނުމުގެ މަސައްކަތް ކުރީ ބީއެމްއެލްއާއި ކްރޯ މޯލްޑިވްސް ގުޅިގެންނެވެ.
ސިލޯނާއެކު ދިވެހިން ޓެލެތޯނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހަދިޔާކުރީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ 2.4 މިލިޔަން ރުފިޔާ ހަދިޔާކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން 1 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައއެވެ.
ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ ޓެލެތޯންގެ ތެރެއިން އެކި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާއަތްތައް އަދި އެކި ވުޒާރާތަކުގެ އިތުރުން ވަކި ވަކި ފަރުދުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ބޮޑެތި އަދަދުތަކުން ފައިސާގެ އެހީ ދީފައިވާކަން ފާހަގަކޮށްލެވެއެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.