ސިލޯނާއެކު ދިވެހިން ނަމުގައި ދައުލަތުގެ މީޑިއާއިން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާއި ގުޅިގެން ކުރިއަށް ގެންދާ ޓެލެތޯނަށް ޤައުމީ ދިފާޢީ ބާރުން 1 މިލިޔަން ރުފިޔާ ހަދިޔާކޮށްފިއެވެ.
މިއީ ޓެލެތޯންގެ ފައިސާ ހަދިޔާ ކުރުމުގެ ވަގުތު ހަމަވިއިރު ދެވަނަ އަށް އެންމެ ލިބުނު އެންމެ ބޮޑު ފައިސާގެ އެހީއެވެ.
މި އެހީ ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ހަވާލުކޮށްފައިވަނީ ޕީއެސްއެމް ސްޓޫޑިއޯގައި މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެހީގެ ރަމްޒީ ޗެކް ދިވެހި ސިފައިންގެ ފަރާތުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޤިޔާސްއެވެ. މި ޗެކާއި ޕީއެސްއެމް ފާރާތުން ހަވާލުވެވަޑައިގަތީ ޕަބްލިކް ސަރވިސް މީޑިއާގެ ޗެއަރމަން، އައިމިނަތު ނަމްޒާއެވެ.
މި ފައިސާ ހަވާލުކޮށްދެއްވުމަށް ފަހު ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ޝުޢޫރު ފާޅުކުރައްވާ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޤިޔާސް ވިދާޅުވީ އަވަށްޓެރި ސްރީލަންކާއަށް ދިމާވި ކާރިސާގައި އެހީވުމަށް، ދިވެހި ސިފައިންގެ ފަރާތުން ވެ ދެއްވި އެހީއަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހަރާތްތެރިވަމުންދާ ސިފައިން އެކުގައި ވެދެއްވާފައިވާ އެހީއެއް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސިފައިންވެސް ލަންކާގެ ރައްޔިތުންނާއެކު ތިއްބެވި ކަމަށް ވިދާޅުވިއެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ މިވަގުތު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙީމް ހިލްމީ ލަންކާގައި ހުންނެވިކަން ހާމަކުރައްވާފައެވެ. އަދި ކޯސްޓް ގާޑުގެ އުޅަނދު ހުރަވީ ލަންކާގެ ބަނދަރުގައި އޮތް ކަމަށާއި، އެއްވެސް އެހީތެރިކަމެއް ލަންކާގެ ނޭވީއަށް ބޭނުންވެއްޖެ ނަމަ އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށް ޗީފް އޮފް ޑިފެންސް ފޯސްއާއި ހަވާލާ ދެއްވާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ދިވެހި ސިފައިންގެ ފަރާތުން ޖުމްލަ 1 މިލިޔަން ރުފިޔާ ހަދިޔާކޮށްފައިވާއިރު، އެންމެ ގިނަ އަދަދެއްގެ ފައިސާ މި ޓެލެތޯނަށް ހަދިޔާކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. ފުލުހުންގެ ފަރާތުން ޓެލެތޯނަށް 2.4 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޓެލެތޯންގެ ތެރެއިން އެކި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާއަތްތައް އަދި އެކި ވުޒާރާތަކުގެ އިތުރުން ވަކި ވަކި ފަރުދުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ބޮޑެތި އަދަދުތަކުން ފައިސާގެ އެހީ ދީފައިވާކަން ފާހަގަކޮށްލެވެއެވެ.
ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ވަނީ ލިބިފައެވެ.