ޚަބަރު

ބިދޭސީންނަށް އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް މެދުކަނޑާލަައިފި


  • ޚިދުމަތް މެދުކަނޑާލީ، އެއްގަމުގެ ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތައް އިސްލާޙުކުރާތީ

  • މަޖިލީހަށް ވަނީ، ދަތުރުފަތުރުގެ އައު ޤާނޫނެއް ހުށަހަޅާފައި

  • ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭ ޤަވާއިދުތައް ހަދަންޖެހޭ

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތައް އިސްލާޙުކުރުމުގެ މަސައްކަތް ކުރަމުންދާތީ، ބިދޭސީންނަށް އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން މިކަން ހާމަކޮށްފައިވާއިރު ސަރުކާރުން ވަނީ، ރައްޔިތުންގެ މަޖިލީހަށް އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނެއް ހުށަހަޅާފައެވެ.

އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ޚިދުމަތަށް އައި ބަދަލާއި ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަދި ޚާއްސަކޮށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާޙު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިމަސައްކަތް ކުރަމުންދާއިރު، ބިދޭސީންގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނެއް ތައާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ޤާނޫނާއި ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ހިމަނާފައިވެއެވެ. އަދި ޤާނޫނުގައި ބިދޭސީންނަށް ލައިސެންސް ދިނުމުގައި ޢަމަލުކުރާނެ ގޮތްތައް ހިމަނާފައިވާއިރު، މަގުމަތީ ޓްރެފިކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުގެ ސައްޙަ ލައިސަންސަކާއެކު ރާއްޖޭގައި އުޅަނދު ދުއްވޭނެ ކަމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމަނާފައެވެ. މީގެ އިތުރުން ލައިސަންސް ހިފެހެއްޓޭނެ ހާލަތްތައްވެސް ވަނީ ބަޔާންކޮށްފައެވެ.

ޤަވާއިދާ ޚިލާފަށް ޕާކު ކުރާ އުޅަނދުތަކާމެދު އަމަލުކުރާނެ ގޮތްތަކާއި ޓްރެފިކް ފުލުހުންގެ ޒިންމާތައްވެސް މި ބިލުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މާއްދާތަކެއް ހިމަނާފައިވެއެވެ. އެގޮތުން ފަރުވާ ކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވުމަކީ، ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ގޮތަކަށް ދުއްވައިގެން ހިނގާ އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެނަމަ 20 އަހަރުގެ ޖަލު ޙުކުމެއް އަންނާނެކަން ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ އެކްސިޑެންޓެއްގައި މީހަކަށް އަނިޔާއެއް ވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް، އެއްވެސް އަނިޔާއެއް ވެއްޖެނަމަ 5 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. ޖަލު ޙުކުމާއެކު ލައިސަންސް ބާތިލުވާނެ ކަމަށާއި ލައިސަންސް އަލުން ދޫކުރެވޭނީ، ޖަލު ޙުކުމް ތަންފީޒު ކުރުމަށްފަހު ވުޒާރާއިން އެކަމަށް ޚާއްސަ ކޮށްގެން ހިންގާ ޕްރޮގްރާމް ފުރިހަމަ ކުރުމުންނެވެ.

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ދަތުރުފަތުރާއި ބެހޭ ޤަވާއިދުތައް އިސްލާޙު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޤާނޫނު ތަސްދީޤުކޮށް ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާއިދުތައް ހަދައި ނިންމަންވާނެއެވެ.