ޚަބަރު

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ދަރަވަންދުއަށް


  • ހއ. އިން އއ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައި

  • ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 6:50 އިން 12:40 އަށް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ދަރަވަންދުއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ދުވަސްވަރުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ އެކި ހިސާބުތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އާދީއްތަ ދުވަހުގެ ހެނދުނު 8 އިން ހޯމަ ދުވަހުގެ ހެނދުނު 8 އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެއީ 51.0 މިލިމީޓަރުގެ ވާރޭއެވެ.

2 ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ. އިފުރަށެވެ. އެއީ 26 މިލިމީޓަރުގެ ވާރޭއެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑް ކުރެވިފައިވަނީ އދ. މާމިގިއްޔަށެވެ. އެއީ 25.5 މިލިމީޓަރުގެ ވާރޭއެވެ.

ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ވާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ. އިން އއ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 6:50 އިން 12:40 އަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ. ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މެޓުން ވިދާޅުވީ މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާއި ކައިރިން ސްރިލަންކާގެ ސަރަހައްދުގައި އުފެދިފައިވާ ތޫފާނަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.