ޚަބަރު

ފޮރެސްޓް ބަލިކޮށް ބްރައިޓަން ފަސްވަނަ އަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ބްރައިޓަން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ބްރައިޓަން ކާމިޔާބުކޮށް ތާވަލުގެ ފަސްވަނަ މަގާމް ހޯދައިފި އެވެ.

މި މެޗުން ބްރައިޓަން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅޫނު 13 މެޗުން ޖުމްލަ 22 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. ފޮރެސްޓަށް ލިބިފައިވާ 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ.

ނޮޓިންހަމް ފޮރެސްޓްގެ ދަ ސިޓީ ގްރައުންޑްގައި ތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބްރައިޓަން އިން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެކްސިމް ޑިކުއިޕަރ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ފޮރެސްޓަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭރިޔާ ތެރޭގައި ހުރެ އިގޯ ޖީސުސް ބޮލުން ފޮނުވާލި ބޯޅަ ބްރައިޓަންގެ ޑިފެންޑަރު ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުގައި ބްރައިޓަން އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކުޅެމުންދާ ގްރީސްގެ އުމުރުން 19 އަހަރުގެ ސްޓެފަނޯޒް ޒިމާސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.