ޚަބަރު

އާޒިމާ ޝަކޫރުގެ މައްޗަށް ކުރި ދަޢުވާތައް ކުރިއަށް ނުގެންދަން ނިންމައިފި


  • މަނީ ލޯންޑްރިންގއަށް މަގުފަހި ކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ އުފުލި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ލީގަލް އެފެއާރޒް މިނިސްޓަރ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް ކުރި ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ނިންމަވައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީީ، 2015 ވަނަ އަހަރު ހިނގި އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތާ ގުޅުން ހުރި މައްސަލާގައި، އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރގެ މަޤާމުގައި ހުރި މ. އާސްތާނާ، ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް، މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މި ދަޢުވާތައް މުރާޖަޢާ ކޮށްދިނުމަށް ޢާއިޝަތު އާޒިމާ ޝަކޫރުގެ ފަރާތުން އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި، އާޒިމާ ޝަކޫރުގެ މައްޗަށް ތުޙުމަތު ކުރެވޭ ކުށުގެ ޢަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިންގ ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވާތީ، އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށް ގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ އެ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.