ޚަބަރު

ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ޔަހޫދީންނާ ގުޅިގެން ޖީއެޗްއެފުން ހިންގި ޖަރީމާ ނިމުމަކަށް


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ ނަމުގައި އެމެރިކާއިން އުފެއްދި ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ މަސައްކަތްތައް ހުއްޓައިލައިފިއެވެ. އެމެރިކާއިން އިސްވެ އުފެއްދި ޖަމުޢިއްޔާއެއް ކަމުގައިވާ ޖީއެޗްއެފަކީ، ޣައްޒާގެ ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމަށް ޔަހޫދީން ބޭނުން ކުރި ހަތިޔާރެކެވެ.

ޖީއެޗްއެފްގެ މަސައްކަތްތައް ހުއްޓައިލާފައި މި ވަނީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު މެދުކަނޑައިލުމާ ގުޅިގެންނެވެ. ޔަހޫދީންގެ ޤަތުލުޢާންމު "ނަމެއްގައި" ހުއްޓުމަކަށް ގެނެސްފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު އޮކްޓޫބަރު 10ގައި އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، އެއްބަސްވުމާ ޚިލާފަށް ޔަހޫދީން އަދިވެސް ދަނީ ޣައްޒާގެ ޢާންމު ރައްޔިތުންނަށް ޙަމަލާ ދެމުންނެވެ.

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި އެމެރިކާއިން ޖީއެޗްއެފްގެ ނަމުގައި ޖަމުޢިއްޔާއެއް އުފައްދައި، ޣައްޒާގެ ބައެއް ސަރަޙައްދުތަކުގައި އެހީގެ ސާމާނު ބެހުމަށް މަރުކަޒުތަކެއް ގާއިމު ކުރިއެވެ. އަދި، ޖީއެޗްއެފްގެ މަސައްކަތްތައް ފެށުމާ އެކު، ޣައްޒާގެ ރައްޔިތުންނަށް އޭގެ ކުރިން ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުވެރި ދައުލަތްތައް (އދ)އާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ކުރަމުން ދިޔަ މަސައްކަތްތަކަށް ހުރަސް އެޅިއެވެ.

މޭ މަހުގެ ތެރޭގައި ޖީއެޗްއެފްގެ މަރުކަޒުތަކުގައި ކާބޯތަކެތި ބަހަން ފެށުމާ އެކު، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.2 މިލިޔަނެއްހާ މީހުންގެ ތެރެއިން އެތަކެއް ސަތޭކާ ހާސް ބަޔަކު ވަނީ އެ މަރުކަޒުތައް ކައިރިއަށް ޖަމާވާން ފަށާފައެވެ. ނަމަވެސް، ޔަހޫދީން އެ މަރުކަޒުތައް ބޭނުން ކޮށްފައި ވަނީ ލާއިންސާނީ ޖަރީމާތައް ހިންގުމަށެވެ. އަދި، ޣައްޒާގެ ޢާންމު ރައްޔިތުންގެ ތެރެއިން އެތަކެއް ސަތޭކަ ބަޔަކު ޝަހީދު ކޮށްލުމަށެވެ. މި ގޮތުން، އެހީ ބަލައި ޖީއެޗްއެފްގެ މަރުކަޒުތައް ކައިރިއަށް ޖަމާވަމުން ދިޔަ މީހުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތައްދީ، އެތަކެއް ސަތޭކަ ބަޔަކު ޝަހީދު ކޮށްލިއެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެެވެ.

ޣައްޒާ މިހާރު ވެސް އޮތީ ޔަހޫދީންގެ ހިސާރުގެ ދަށުގައެވެ. އަދި، އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަމުން ދަނީ ޔަހޫދީންގެ ބެލުމުގެ ދަށުންނެވެ. އެ މީހުން ކޮންޓުރޯލު ކުރާ މިންވަރަކަށެވެ. ނަމަވެސް، އެ މަސައްކަތް އިންތިޒާމު ކުރުމާ ޙަވާލުވުމަށް އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ. އެ ކަމުގައި އެމެރިކާގެ އަސްކަރިއްޔާގެ ސިވިލް-މިލިޓަރީ ކޯޑިނޭޝަން ސެންޓަރު (ސީއެމްސީސީ)ން މިހާރު ވެސް ދަނީ ބައިވެރިވަމުންނެވެ.

ޖީއެޗްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ޖޯން އެކްރީ ވިދާޅުވީ، އެ ޖަމުޢިއްޔާގެ މަސައްކަތްތައް ހުއްޓައިލި ނަމަވެސް، ޣައްޒާގައި ކާބޯތަކެތި ބެހުމުގެ މަސައްކަތްތައް ސީއެމްސީސީގެ ބެލުމުގެ ދަށުން ފުޅާ ކުރުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. ޖީއެޗްއެފްގެ މަރުކަޒުތައް ކައިރީގައި ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގާފައި ވަނީ، އަދި އެތަކެއް ސަތޭކަ ބަޔަކު ޝަހީދު ކޮށްލާފައި ވަނީ އެ ޖަމުޢިއްޔާގެ ބައިވެރިވުމާ އެކުގައި ކަމުގައި ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އޭގެ ތެރޭގައި ވިލާތުގެ ގިނަ ޤައުމުތަކަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތައް ހިމެނެއެވެ. ނަމަވެސް، ޖީއެޗްއެފުން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ.

ޖީއެޗްއެފްގެ މަސައްކަތްތައް ހުއްޓައިލުމުން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ޖަމުޢިއްޔާއަށް ޝުކުރު އަދާކޮށްފައެވެ. ނަމަވެސް، ޙަމާސުން ބުނީ، ޖީއެޗްއެފަކީ ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގެ ބައިވެރިއެއް ކަމުގައެވެ. ޖީއެޗްއެފްގެ މަސައްކަތްތައް ނިމުމަކަށް ގެނައުމުން މަރުޙަބާ ކިޔައި ނެރުނު ބަޔާނެއްގައި ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބައިވެރިވުމާ އެކު ޔަހޫދީން ހިންގާފައިވާ ލާއިންސާނީ ޖަރީމާތައް ތަޙުޤީޤު ކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ. އަދި، އެ ކަމުގައި ބައިވެރިވި މީހުން ދެނެގަނެ، އެ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ބާރު އަޅާފައެވެ.