އަތޮޅު ކައުންސިލްތައް އުވާލައި، ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ޤާނޫނުތަކަށް ހުށަހެޅި އިސްލާޙުތައް ކޮމިޓީން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ހުށަހެޅި ބިލުތައް ދިރާސާ ކުރުމަށް މަޖިލީހުން އެކުލަވައިލި ވަގުތީ ކޮމިޓީންނެވެ.
ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާޙުގެ ދަށުން އެ ޤާނޫނުގައި އެކި މާއްދާތަކުގައި އަތޮޅު ކައުންސިލްތަކާއި ގުޅޭގޮތުން މިހާރު ހުރި ބައިތައް އުނިކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އެ ބިލު ފާސްކުރުމަށް ވަގުތީ ކޮމިޓީން ނިންމީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެންމެ ގިނަ އިސްލާޙުތަކެއް ހުށަހަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި ބެހޭ ޤާނޫނަށެވެ. އެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙު ހުށަހަޅުއްވާފައިވާ އިސްލާޙުގެ ދަށުން 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 3 ކައުންސިލަރުން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގެ ކައުންސިލަށް އައްޔަން ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 5 ކައުންސިލަރުން ކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރު ޤާނޫނުގައިވާ ގޮތުން ކޮންމެ ރަށު ކައުންސިލެއްގައިވެސް 5 މެންބަރުން ތިއްބަވާނެއެވެ.
ލާމަރުކަޒީ ޤާނޫނަށް ހުށަހެޅުއްވި އިސްލާޙުގައި 3 ކައުންސިލަރުން އިންތިޚާބު ކުރާ ރަށު ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި 5 ކައުންސިލަރުން އިންތިޚާބު ކުރާ ކައުންސިލްތަކުގައި މިހާރުވެސް އަމަލުކުރާ ގޮތަށް 2 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަން ޖެހޭނެއެވެ.
މި ޤާނޫނަށް ގެންނަ އިސްލާޙުގެ ދަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންގެ އަދަދާއި، އެ ކޮމިޓީގެ ރައީސް އިންތިޚާބުކުރާ ގޮތަށް ބަދަލު ގެނައުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ކޮމިޓީ މެންބަރުން ތިބެންވާނީ ކައުންސިލަރުންގެ އަދަދަށް ކަމަށާއި، އަންހެނުންގެ ކޮމިޓީގެ ރައީސް އިންތިޚާބު ކުރާނީ ކައުންސިލް ރައީސް އިންތިޚާބު ކުރާ ގޮތަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކޮމިޓީގެ ރައީސްގެ މަގާމަކީ، ފުލްޓައިމް މަޤާމެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ބިލު ދިރާސާކުރުމުގެ މަރުހަލާގައި ކޮމިޓީން ވަނީ، އިތުރު އިސްލާޙުތަކެއް ގެންނަވާފައެވެ. އެގޮތުން މާލެ ސިޓީއާއި، ފުވައްމުލައް ސިޓީ ފިޔަވައި އެހެން ސިޓީތަކުގައި އާބާދީ 10،000 އާއި 25،000 ދެމެދުގެ އަދަދެއްނަމަ މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން، އާބާދީ 25،000 އާއި 50،000 އާ ދެމެދު ނަމަ މޭޔަރު ހިމެނޭހެން 11 ކައުންސިލަރުން އަދި 50،000 އަށްވުރެ އިތުރުނަމަ މޭޔަރު ހިމެނޭހެން 15 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އަދި ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައަޅާނީ، ހުރިހާ ދާއިރާއެއް ހަމަހަމަވާ ގޮތަށް ދައުރުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް އިންތިޚާބުވާ ކައުންސިލަރަކު އެ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ގޮތަށް އަދި އަމިއްލަގޮތުން ވާދަކޮށް އިންތިޚާބުވާ ކައުންސިލަރަކު ޕާޓީއަކާ ގުޅިއްޖެނަމަ ގޮނޑި ގެއްލޭގޮތަށްވެސް އިސްލާޙު ވަނީ ހުށަހަޅުއްވާފައެވެ.
ކޮމިޓީގައި ހުށަހެޅުއްވި މި އިސްލާޙުތަކާއެކު ބިލު ފާސްކޮށްފައިވަނީ، ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.