ޚަބަރު

ރޯދަ ހަދިޔާ ދިނުމަށް މަޢުލޫމާތު އެއްކުރުމުގެ %80 މަސައްކަތް ނިމިއްޖެ


  • އެއް ގެއެއްގައި ގިނަ ގޭބިސީތަކެއް ދިރިއުޅޭނަމަ، ވަކިވަކިން ރަޖިސްޓްރީ ކުރަންޖެހޭ

  • ރޯދަ ހަދިޔާއަށް ދޭ މަސްދަޅު އުފެއްދުމުގެ މަސައްކަތް ޖެނުއަރީ މަހު ނިންމާނެ

އަންނަ ރަމަޟާން މަހަށް ރޯދަ ހަދިޔާ ބެހުމަށް ބޭނުންވާ ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތުގެ %80 ނިމިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިދިޔަ ރޯދަ މަހެކޭ އެއްގޮތަށް ކުރިއަށް އޮތް ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިގޮތުން މިހާރު ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ރޯދަ ހަދިޔާއަކީ، ގޭބިސީތަކުގެ ޢަދަދަށް ބެލުމަށްފަހު ދޭ ހަދިޔާއެކެވެ. އެގޮތުން އެއް ގެއެއްގައި ގިނަ ގޭބިސީތަކެއް ދިރިއުޅޭނަމަ، އެ ގޭބިސީތައް ވަކިވަކިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ރަފީޤު ވިދާޅުވީ، ރަށްރަށުގެ ގޭބިސީތަކުގެ މަޢޫލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކައުންސިލްތަކުން ކުރަމުންދާ ކަމަށާއި، އަދި އެ މަޢުލޫމާތައް އެއްކުރުމަށްފަހު އެ ވުޒާރާއަށް އަންގަމުންދާ ކަމަށެވެ. އެގޮތުން މަޢުލޫމާތު އެއްކުުރުމުގެ މަސައްކަތުގެ %80 މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަފީޤު ވިދާޅުވީ، އަތޮޅު ތެރެއަށް ރޯދަ ހަދިޔާ ފޮނުވުމުގެ އިތުރަށް މާލެ ސަރަޙައްދުގެ ގޭބިސީތަކަށް ރޯދަ ހަދިޔާ ދިނުމަށް މިދިޔަ ފަހަރަށްވުރެ ރަނގަޅު އިންތިޒާމެއްގެ ތެރެއިން މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ބަލަމުންދާ ކަމަށެވެ.

" މިއަހަރު މަސްދަޅު ކޭސް ބަހަން ފަށާއިރުވެސް ދަތިތަކެއް ނެތި އެކަން ކުރެވޭނެ. އެކި އިދާރާތައް ގުޅިގެން މި މަސައްކަތް މިކުރަނީ. އެހެންވީމަ ކުރީ ފަހަރަށްވުރެ ރަނގަޅު އިންތިޒާމެއް ހަމަޖައްސައިގެން އެކަން ކުރެވޭނެ ކަމަށް މި ބަލަނީ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ވިދާޅުވިއެވެ.

ރޯދަ ހަދިޔާ ބެހުމަށް އެކި ގޮތް ގޮތުން ތައްޔާރީތައް ވަމުންދާއިރު، ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް އުފެއްދުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން ވަނީ ވިދާޅުވެފައެވެ.

މިފްކޯއިން ވިދާޅުވީ، ރޯދަ ހަދިޔާ ދިނުމަށް ބޭނުންވާ މަސްދަޅު އުފެއްދުމުގެ މަސައްކަތް މިދިޔަ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު އެކުންފުނިން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް މިމަސައްކަތުގެ 33 އިންސައްތަ ނިމިފައިވާ ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ދެވަނަ ހަފްތާއަށް މަސައްކަތް ނިންމާލުން ކަމަށެވެ.

މިފްކޯއިން ވިދާޅުވީ، އެކުންފުނިން މަސްދަޅު އުފައްދަނީ މިދިޔަ ރޯދަމަހު ރޯދަ ހަދިޔާ ދިނުމަށް މަސްދަޅު އުފެއްދި މިންވަރަށް ރިޢާޔަތް ކޮށްގެން ކަމަށެވެ. އަދި މިމަސައްކަތަށް ދުރާލާ ތައްޔާރުވެ މަސައްކަތް ފަށާފައިވާކަންވެސް އެކުންފުނިން ފާހަގަކުރެއެވެ.

މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅުތެރޭގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 މަސްދަޅު ކޭހެވެ.

ކުރިއަށް އޮތް ރަމަޟާންމަހު ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދޭއިރު، ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ރާއްޖޭގެ ޑޮމެސްޓިކް ރޭޓުގައި ބިލް ކުރާ ކޮންމެ ގޭބީސީއަކަށް ރޯދަ މަހު އެންމެ ބޮޑުވެގެންވެސް ލިބޭނީ، 400 ރުފިޔާގެ ކަރަންޓު ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.