ޚަބަރު

އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާއަށް ނޫނެކޭ ބުނެ، އަނިޔާވެރިކަމާއި ދެކޮޅުވަމާ!


  • މިއަދަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަސް

  • އަންހެނުންނަށް ކުރާ އަނިޔާގެ ތެރޭގައި ހިމެނެނީ ހަމައެކަނި ޖިސްމާނީ އަނިޔާއެއް ނޫން

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހެވެ.

މި ދުވަސް ބައިނަލްއަޤުވާމީ ފެންވަރެއްގައި ފާހަގަކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާގެ ނުރައްކާތެރިކަން ހަނދާންކޮށްދިނުމާއި، މިފަދަ އަނިޔާތައް ނައްތާލުމަށް ބައިނަލްއަޤުވާމީ ފެންވަރެއްގައި ކުރެބޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ދުވަހަށް މިއަހަރު އދއިން ކަނޑައަޅާފައިވާ ޝިޢާރު ގުޅުވާފައިވަނީ އަންހެނުންނާއި އަންހެން ދަރިން ބާރުވެރިކުރުމަށެވެ. އެގޮތުން މިއަހަރުގެ ޝިޢާރަކީ "ޔުނައިޓް ޓު އެންޑް ޑިޖިޓަލް ވައިލެންސް އެގޭންސްޓް ވިމެން އެންޑް ގާލްސް ވޯންޓް ޓު މޯބަލައިޒް އޯލް މެމްބަރޒް އޮފް ދަ ސޮސައިޓީ" މިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ތާރީޚަށް ބަލާއިރު، އެއްބައިވަންތަ ޤައުމުތަކުގެ ޖެނެރަލް އެސެމްބްލީން 1999 ވަނަ އަހަރު މި ދުވަސް ފާހަގަކުރުމަށް ކަނޑައެޅީ، ޑޮމިނިކަން ރިޕަބްލިކްގެ ސިޔާސީ ޙަރަކާތްތެރިން ކަމުގައިވާ މީރަބަލް ބަނޑުގެ ތިން އަންހެނުން 1960 ވަނަ އަހަރު އަނިޔާވެރިކޮށް މަރާލުމުގެ ހިތާމަވެރި ހާދިސާގެ ހަނދާނުގައެވެ. މި ތިން އަންހެނުންނަކީވެސް އަންހެނުންގެ ހައްޤުތަކާއި މިނިވަންކަމަށް އަޑުހަރުކޮށް ވަކާލާތުކުރެއްވި ކަނބަލުންތަކެކެވެ.

މުޖުތަމަޢުގެ ވިސްނުން ބަދަލުވުން: އަނިޔާއަކީ އާއިލީ ސިއްރެއް ނޫން!

މީގެ ކުރިން ގެވެށި އަނިޔާއާއި އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ސިފަވެފައި އޮންނަނީ ހަމައެކަނި އާއިލީ މައްސަލަތަކެއްގެ ގޮތުގައެވެ. އަދި އެއީ އެހެން ފަރާތްތަކުން ނުވަތަ ސަރުކާރުން ވެސް އެކަމާއި ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމެއް ނޫންކަމަށް ދެކެމުން އައި ދުވަސްތަކެއް ދިޔައެވެ.

މިފަދަ ވިސްނުމުގެ ނަތީޖާއަކަށް ވެފައިވަނީ، ގިނަ އަންހެނުން އެމީހުންގެ މުޅި އުމުރު އަނިޔާއާއި، ހިތާމައާއި، ބިރުވެރިކަމުގެ ތެރޭގައި ދިރިއުޅެން މަޖުބޫރުވުމެވެ. އެ ހާލަތުން އަރައިގަނެ އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވި ނަމަވެސް، މުޖުތަމަޢުން އެކަމާމެދު ދެކޭނެ ގޮތާމެދު ބިރުގަނެ، އެކަމަށް އިސްނަގަން ނުކެރި ތިބި މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް، ބައިނަލްއަޤުވާމީ މި ދުވަސް ފާހަގަކުރުމުގެ ސަބަބުން މިފަދަ މައްސަލަތަކަކީ އިންސާނީ ޙައްޤުތަކުގެ މައްސަލަތަކެއްކަން ދުނިޔެއަށް ހާމަވެ، ސަރުކާރުތަކާއި މުޖުތަމަޢުތަކުން މިކަމަށް ޒިންމާވުމަށް މަގުފަހިވެފައިވެއެވެ.

އަންހެނުންނަށް ކުރާ އަނިޔާގެ ތެރޭގައި ހިމެނެނީ ހަމައެކަނި ޖިސްމާނީ އަނިޔާއެއް ނޫނެވެ. މީގެ ތެރޭގައި ޖިންސީ އަނިޔާ، ނަފްސާނީ އަނިޔާ، އިޤްތިޞާދީ އަނިޔާ އަދި އިންޓަރނެޓް މެދުވެރިކޮށް ދޭ އަނިޔާވެސް ހިމެނެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ %35 އަންހެނުން އެމީހުންގެ ޙަޔާތުގެ ކޮންމެވެސް މަރުހަލާއެއްގައި ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވެއެވެ. މިއީ ވަރަށް ބޮޑު އަދަދެކެވެ. މި އަނިޔާތަކުގެ ސަބަބުން އަންހެނުންގެ ޞިއްޙަތަށާއި، ތަޢުލީމަށާއި، އިޤްތިޞާދީ ބައިވެރިވުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރެއެވެ.

އޮރެންޖް ދަ ވޯލްޑް: އަނިޔާ ނެތް މުސްތަޤްބަލަކަށް

އދ. އާއި އެހެނިހެން ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ވަކާލާތުކުރަނީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޤާނޫނީ އަދި އިޖްތިމާޢީ ބަދަލުތައް ގެނައުމަށެވެ. މީގެ ތެރޭގައި އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އަނިޔާކުރާ ފަރާތްތަކަށް އަދަބު ދިނުން ހިމެނެއެވެ.

މީގެ އިތުރުން، މި ދުވަހާއި ގުޅިގެން މީހުން ހޭލުންތެރިކުރުވުމަށް ތަފާތު އެކި ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގާއިރު، މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ 'އޮރެންޖް ދަ ވޯލްޑް' ކެމްޕޭނެވެ. އޮރެންޖް ކުލައިގެ މި ކެމްޕޭނުން ރަމްޒުކޮށްދެނީ އަނިޔާ ނެތް އުޖާލާ މުސްތަޤްބަލެކެވެ.

އެކުވެރި ދަޢުލަތްތައް އދ. ގެ މެމްބަރު އެހެން ގައުމުތަކޭ އެއްގޮތަށް ދިވެހިރާއްޖޭގައިވެސް މި ދުވަސް ފާހަގަކުރަމުން އަންނަނީ، އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކަށް ސަމާލުކަން ދިނުމާއި، ޢާއިލާގެ ތެރޭގައި އަނިޔާ ހުއްޓުވުމަށް ޤާނޫނީ އަދި އިޖްތިމާޢީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަޤްސަދުގައެވެ. އެގޮތުން، ދިވެހި ސަރުކާރާއި އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމާޢަތްތަކުން ގުޅިގެން މިފަދަ އަނިޔާތައް ހުއްޓުވުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އަދި މީގެ އިތުރުން، އަންހެނުންނަށް ކުރާ އަނިޔާ ޤަބޫލުނުކުރުމާއި، މިފަދަ ހާދިސާތައް ރިޕޯޓުކުރުމަށް ދަނީ ހިތްވަރުދެމުންނެވެ.

ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާވެސް މުޖުތަމަޢުން އަންނަނީ ފެންނަމުންނެވެ. އެގޮތުން މައްސަލަތައް ރިޕޯޓްކުރާ އަދަދު އިތުރުވުމުން މިފަދަ މައްސަލަ ރިޕޯޓްކުރަން މިހާރު މީހުން ފަސްނުޖެހޭކަން މި ތަފާސްހިސާބުތަކުން ވަރަށް ރަނގަޅަށް ހާމަވެއެވެ.

އަންހެނުންނަށް އިންސާފު ހޯދައިދިނުމަށް ގުޅިގެން މަސައްކަތްކުރަމާ!

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ ހަމައެކަނި އަންހެނުންނަށް ކުރެވޭނެކަމެއް ނޫނެވެ. މިއީ ކޮންމެ ފަރުދަކުވެސް އަދި މުޅި މުޖުތަަމައުގެ އެންމެން ގުޅިގެން ހައްލުކުރެވޭނެ ވަބާއެކެވެ.

އެހެންކަމުން، މި ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުމެން އެންމެންވެސް އަތުގުޅާލައިގެން، އަންހެނުންނަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރާ، ހަމަޖެހޭ އަދި އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމަށް އަޒުމު ކަނޑައަޅަން ޖެހެއެވެ. އަންހެނުންނަށް އަނިޔާކުރުން ހުއްޓާލުމަކީ، ހަމަހަމަކަމާއި އިންސާނީ ޙައްޤުތައް ޙާސިލުކުރުމަށް އަޅުގަނޑުމެން އަޅާ އެންމެ މުހިންމު ފިޔަވަޅެއްކަން ގަބޫލުކޮށް އަމަލުތައް ބައްޓަންކުރަން ޖެހެއެވެ.