ޚަބަރު

ނަތީޖާ ނުނެރެވޭތީ ހުރިހާ ދިމާލަކުންވެސް ޕްރެޝަރ އެބައޮތް: ސުޒެއިން


  • ސާގިބު އަދި އިރުފާން ކަހަލަ ކުޅުންތެރިން ބަދަލުކުރަން އުނދަގޫވާނެ ކަމަށް ސުޒެއިން ބުނި

  • ކީފަރު ސާގިބު ހުރީ އަނިޔާގައި، އިރުފާނަށް އަނިޔާވީ ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު މެޗުގައި

ނަތީޖާ ނުނެރެވޭތީ ޕްރެޝަރ އެބައޮތް ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ. ސުޒެއިން މިހެން ބުނީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އެންމެ ފަހުން އޮޑި ސްޕޯޓްސް ކުލަބު އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުއެވެ.

ސުޒެއިން ބުނީ ސަޕޯޓަރުންގެ ޕްރެޝަރ އަންނާނެ ކަމަށާއި، ކޮންމެ ގޮތެއްވިޔަސް ނިއު ރޭޑިއަންޓުގެ ސަޕޯޓަރުން ބޭނުންވަނީ ނަތީޖާ ކަމަށް ސުޒެއިން ބުންޏެވެ.

"ޕްރެޝަރ އެބައޮތް، ކޮންމެ ގޮތެއް ވިޔަސް ނިއުގެ ސަޕޯޓަރުން ބޭނުންވާނީ ނަތީޖާ. މެނޭޖުމެންޓާއި ހުރިހާ ދިމާލަކުންވެސް ޕްރެޝަރ އެބައޮތް، ކޯޗަށްވެސް ކުޅުންތެރިންނަށްވެސް އެ ޕްރެޝަރ އެބައޮތް" ސުޒެއިން ބުންޏެވެ.

އެހެންކަމުން ދެން ހުރި މެޗުތަކަށް ރަނގަޅަށް ތައްޔާރުވާން ޖެހޭ ކަމަށާއި، މާޒިޔާގެ ކުޅުމަށް ބަލާއިރު ވަރަށް ސީރިއަސްކޮށް ނިއު ރޭޑިއަންޓުން އެ މެޗަށް ތައްޔާރުވާން ޖެހޭނެ ކަމަށް ސުޒެއިން ބުންޏެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ޕޮއިންޓް ތާވަލަށް ބަލާއިރު ނިއު ރޭޑިއަންޓް އޮތީ 17 ޕޮއިންޓާއެކު ތިންވަނައިގައެވެ. ދެ ޕޮއިންޓުގެ ފަރަގުން އޮޑި ސްޕޯޓްސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

އޮޑި ސްޕޯޓްސްއާ ދެކޮޅަށް ނުކުތް މެޗުގައި ނިއު ރޭޑިއަންޓަށް ދިމާވި މައްސަލައަކީ އަނިޔާގައި ތިބި ކުޅުންތެރިންގެ ބަދަލުގައި ކުޅުންތެރިން ނެތުން ކަމަށްވެސް ސުޒެއިން ބުންޏެވެ.

އޮޑި ސްޕޯޓްސް އަތުން ބަލިވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ސުޒެއިން ބުނީ މިކަހަލަ މެޗެއްގައި އެންމެ "ކޮލިޓީ" ކުޅުންތެރިން އަނިޔާގައި ތިބުމަކީ ނިއު ރޭޑިއަންޓް ކަހަލަ ޓީމަކަށް އެކަމުގެ އަސަރު ވަރަށް ބޮޑުވާނެ ކަމެއް ކަމަށާއި، ތަޖުރިބާކާރު ގިނަ ކުޅުންތެރިންގެ ރިޕްލޭސްމަންޓެއް އެ ކުލަބުގައި ނެތްކަމަށެވެ.

"އަޅުގަނޑު ކުރިން ފާހަގަކުރިހެން ގިނަ ޓީމުތަކަކީ އެސްޓަބްލިޝްވެފައި ހުރި ޓީމުތައް. ނިއު ރޭޑިއަންޓް ހަމަ މަޑުމަޑުން އެކި ތަންތަނުން ކުޅުންތެރިން ހޯދައިގެން ބިނާކުރެވޭތޯ ބަލާ ޓީމެއް މީ. މީގަ މި ފެންނަ އެއްޗަކީ މިސާލަކަށް އެންމެ ކޮލިޓީ ކުޅުންތެރިން އިންޖަރީ އުޅެންޏާއި ނިއު ރޭޑިއަންޓް ކަހަލަ ޓީމެއް މިކަހަލަ މެޗުތަކުގައި ސަފަރ ކުރާނެ. އެއީ އޭގެ ރިޕްލޭސްމަންޓެއް ނުހުންނާނެ ގިނަ ކުޅުންތެރިންގެ" ސުޒެއިން ބުންޏެވެ.

ސުޒެއިން ބުނީ ގޯލްކީޕަރު ހަނީފް ސާގިބު އަދި މުޙައްމަދު އިރުފާން (އިރޭ) ކަހަލަ ކުޅުންތެރިންގެ ކުޅުން މިހާތަނަށް ފެނިފައި ހުރި ގޮތަށް ބަލާއިރު އެއީ ރިޕްލޭސްކުރަން އުނދަގޫވެދާނެ ކަހަލަ ކުޅުންތެރިން ކަމަށެވެ. ޕާކިސްތާނުގެ ކީޕަރު ސާގިބު އަނިޔާގައި ހުރުމުގެ ސަބަބުން އެ މެޗުގައި ކުޅެފައިނުވާއިރު، ނިއު ރޭޑިއަންޓުގެ އިރުފާނަށް އަނިޔާވީ ގައުމީ ޓީމުން ޕިލިޕީންސްއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައެވެ.

ކޯޗު ސުޒެއިން ބުނީ އޮޑި ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސާގިބު އަދި އިރުފާނުގެ ބަދަލަށް ކުޅެން އެރުވި ކުޅުންތެރިން ކުރި ހިތްވަރަށް ޝުކުރުއަދާކުރާ ކަމަށާއި، އެ ކުޅުންތެރިންވެސް ވަރަށް މަސައްކަތް ކުރިތަން ފެނުނު ކަމަށެވެ.

"އެކަމަކު އެހާ ފަސޭހަކަމެއް ނޫން އިރޭމެން ރިޕްލޭސް ކުރުމަކީ. އެތަން ދެން ވަރަށް ބޮޑަށް ފެނިގެން ދިޔަ ސާގިބުވެސް ހާއްސަކޮށް ހަމަ ދެމެޗު ކުޅެފަ މި މެޗު ނުކުޅެވި އެދިޔައީ" ސުޒެއިން ބުންޏެވެ.

ބައިކޮޅަށް ވަން ގޯލަށް ބަލާއިރު އެއީ ވަރަށް އާދައިގެ ގޯލެއް ކަމަށާއި، އެހެން ދިމާވީ ޖުމްލަކޮށް ބަލާއިރު ބަދަލުކުރާނެ ރަނގަޅު ކުޅުންތެރިން ނެތި، އެ މެޗުގައި ކުޅެން ޖެހުންކަންވެސް ސުޒެއިން ފާހަގަކުރިއެވެ.