ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވޭތުވެދިޔަ 4 އަހަރު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން 24.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން މައިގަނޑުގޮތެއްގައި ޚަރަދުކުރަނީ ކާރިސާތަކާއި ގުޅިގެން ލިބޭ ގެއްލުންތަކަށް އެހީ ފޯރުކޮށްދިނުމަށެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ އެންޑީއެމްއޭގެ 2021 ވަނަ އަަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި، ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުމާއި، ގުުދުރަތީގޮތުން ލިބޭ ގެއްލުމަށް އެހީގެ ގޮތުގައި އަމިއްލަ ފަރާތްތަކަށް ޖުމްލަ 24،409،337 (ސައުވީސް މިލިޔަން ހަތަރުލައްކަ ނުވަހާސް ތިންސަތޭކަ ތިރީސް ހަތެއް) ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މީގެ ތެރެއިންވެސް އެންމެ ގިނަ އަދަދަކަށް ފައިސާ ޚަރަދުކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ. އެގޮތުން މިދިޔަ އަހަރު ކުރިމަތިވި ކާރިސާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 11.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
2021 ވަނަ އަހަރު: 4,933,958 މިލިޔަން ރުފިޔާ
2022 ވަނަ އަހަރު: 3,638,996 މިލިޔަން ރުފިޔާ
2023 ވަނަ އަހަރު: 4,201,846 މިލިޔަން ރުފިޔާ
2024 ވަނަ އަހަރު: 11,634,535 މިލިޔަން ރުފިޔާ
އެންޑީއެމްއޭގެ ޚަރަދުތަކުގެ ތެރެއިން މުސާރައާއި އެލަވެންސާއި ބޭރުގެ އެހީގެ ގޮތުގައި ލިބުނު ފައިސާއިން ކޮށްފައިވާ ޚަރަދުތައް ނުހިމަނާ 2021 ގައި %15، 2022 ގައި %10، 2023 ގައި %30 އަދި 2024 ގައި %71 ޚަރަދުކޮށްފައިވަނީ ކާރިސާތަކުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމަށް ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެންޑީއެމްއޭއިން ޚަރަދުތައް ކޮށްފައިވަނީ އެ އިދާރާއިން އެކުލަވާލާފައިވާ ރިލީފް އެހީ ފޯރުކޮށްދިނުމުގައި ހުންނަންޖެހޭ މިންގަނޑާއި، ކާރިސާއެއްގައި ގޯތިގެދޮރާއި މުދަލަށްލިބޭ ގެއްލުނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މިންގަނޑާއި އެއްގޮތަށްކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، މި މުއްްދަތުގައި އެންޑީއެމްއޭއިން ޚަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފާސްކޮށްދިން ބަޖެޓުގައިވާ ކަންތައްތަކަށް ކަނޑައެޅިފައިވާ މިންވަރަށް ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެންޑީއެމްއޭއަކީ ދިވެހިރާއްޖޭގެ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން، 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހު އުފެއްދެވި މުއައްސަސާއެކެވެ. މި މުއައްސަސާގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކާއިގުޅިގެން، ރެސްޕޮންސް އަދި ރިލީފް އެހީ ބޭނުންވާ ފަރާތްތައް ކަނޑައަޅައި އެފަރާތްތަކަށް އެހީ ފޯރުކޮށްދެވޭނެ ނިޒާމެއް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ރާވައި ހިންގުމާއި ވިލަރެސްކުރުމުގެ އިތުރުން، ރައްޔިތުން ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން ހިމެނެއެވެ.