މާލެއާއި ހުޅުމާލެއާ ދެމެދު ޤާއިމުކުރާ ފެނުގެ ކަނެކްޓިވިޓީ ވިއުގަ މިއަހަރުގެ ނިޔަލަށް ނިންމާ ބޭނުންކުރަން ފެށޭނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ 2 އަހަރުގެ ކާމިޔާބީއާ ގުޅޭގޮތުން ޕީއެސްއެމްގެ "ހަފުތާ 104" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، މި 2 އަހަރުގެ ތެރޭގައި އެކުންފުނިން އެންމެ ބޮޑު އިސްކަމެއްދިނީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރުމަށްކަމަށެވެ.
މަތީން ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު އިޤްތިޞާދީގޮތުން އޭރު ޤައުމުގެ ހާލަތު އޮތްގޮތުން ޚަރަދުތައް ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެކުންފުންޏަށްވެސް އަޅަންޖެހުނުކަމަށާއި، އެ ފިޔަވަޅުތަކާއެކުވެސް ޚިދުމަތްތައް ފޯރުކޮށްދީ ތަރައްޤީކުރުމުގައި ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ.
"ރައީސްގެ ފަރާތްޕުޅުން އަޅުގަނޑުމެންނަށް ލިބުނު އިރުޝާދަކީ ޚަރަދުތައް ކުޑަކުރާށޭ. ކުރަން ކޮންމެހެން ނުޖެހޭ ކަންތައްތައް މިވަގުތަށް މަޑުކޮށްލާށޭ. ބޮޑަށް ރައީސްގެ އިރުޝާދުތައް ހުރީ ޚިދުމަތް ރަނގަޅުކުރުމަށް. އެހެންވީމަ އެ އަމާޒަށް އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި ވާސިލުވެވިއްޖެ 2 އަހަރު ވެގެންދިޔައިރު. މާލޭގެ ފެނުގެ ޚިދުމަތް ތަރައްޤީކުރުމަށްޓަކާ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވި އަޅުގަނޑުމެންނަށް ނަތީޖާ ނެރެވިއްޖެ." މަތީން ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީގެ ޚިދުމަތްތަކާއި އޮޕަރޭޝަންތައް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށްދަނީ މާލޭ ސަރަޙައްދުގައެވެ. މަތީން ވަނީ މި ސަރަޙައްދުގައި ފެން އުފެއްދޭ މިންވަރު އިތުރުކުރުމަށާއި، ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް ފެން ފޯރުކޮށްދިނުމުގައި ބޭނުންކުރާ ވަސީލަތްތައް ހަރުދަނާކުރުމަށްޓަކާވެސް މުހިންމު މަސައްކަތްތަކެއް މި ސަރުކާރުން ކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
އެގޮތުން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި މާލެއާއި ހުޅުމާލެއާ ދެމެދު ފެނުގެ ކަނެކްޓިވިޓީ ގުޅާލުމަށް ޤާއިމުކުރާ ވިއުގަގެ މަސައްކަތް ނިންމުމަށް ކުރެވުނު ކަންކަން މަތީން ފާހަގަކުރެއްވިއެވެ. މިއީ މި ސަރުކާރު ޙަވާލުވިއިރުވެސް މަސައްކަތް ދިގުލައިގެންގޮސްފައިވާ މަޝްރޫޢެކެވެ.
މަތީން ވިދާޅުވީ، މިހާރު މި މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާއިރު، މި ވިއުގަ ޓެސްޓުކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާ، ވިއުގަ އެއްކޮށް ބޭނުންކުރަން ފެށުންކަމަށާއި، މިއީ މި ސަރަޙައްދުގައި ފެނުގެ ޚިދުމަތުގެ ޔަޤީންކަން ކަށަވަރުކުރުމަށް ހިންގޭ މުހިންމު މަޝްރޫޢެއްކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު ވަގުތީގޮތުން ހޮޅީގެ މަސައްކަތް ނިންމާފައި ޚިދުމަތް ފޯރުކޮށްދޭންވެސް ފަށައިފިން. މިހާރު ހޮޅި ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް 2000 ޓަނުގެ ފެން އަޅުގަނޑުމެންނަށް އުފުލޭނެ މާލެއާއި ހުޅުމާލެއާ ދެމެދު. ދެކޮޅުގައި އަޅުގަނޑުމެން ޤާއިމުކުރަންޖެހޭ ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތްވެސް ނިންމައިފިން. ބައެއް ކަހަލަ އިލެކްޓްރިކަލް އަދި މެކޭނިކަލް މަސައްކަތްތައް މިހާރު އެދަނީ. އެ މަސައްކަތްތައް ނިމުމާއެކީ އިރާދަކުރެއްވިއްޔާ މިއަހަރުގެ ނިޔަލަށް އެ ހޮޅި އެއްކޮށް ބޭނުންކުރެވޭނެކަމަށް އަޅުގަނޑުމެން މި ބަލަނީ. އޭރުން ދުވާލެއްގެ މައްޗަށް 20000 ޓަނުގެ ފެން އަޅުގަނޑުމެންނަށް އުފުލޭނެ މި ދޭތެރޭގައި." މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ، މާލޭ ސަރަޙައްދުގައި ފެން އުފެއްދޭ މިންވަރު އިތުރުކުރުމަށްޓަކާވެސް ކުރިއަށްގެންދާ އިތުރު 10،000 ޓަނުގެ ފެން ޕްލާންޓުގެ މަސައްކަތްވެސް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށެވެ. އަދި ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކާވެސް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި 10،000 ޓަނުގެ އެއް ތާންގީގެ މަސައްކަތް ނިންމާ މިހާރު ބޭނުންކުރަން ފަށާފައިވާކަމަށާއި، މިއީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު އެއް ފެންތާންގީކަމަށް މަތީން ވިދާޅުވިއެވެ.
ހަމައެހެންމެ މާލޭގައި 13000 ޓަނުގެ އިތުރު 2 ތާންގީ ޤާއިމުކުރުމަށްޓަކާ ބޭނުންވާ ފައިސާ ހަމަޖެހި، އޭގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށާއި، މި މަސައްކަތާއެކު މާލޭގައި 26000 ޓަނުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން ލިބިގެންދާނެކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވަނީ ފެން އުފެއްދުމާއި، ފެން ރައްކާކުރުމާއި، ފެން ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު، މިއީ މި ސަރަޙައްދުގެ ވޯޓަރ ސެކިއުރިޓީއަށްވެސް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.