ދިވެހިރާއްޖެއަކީ އާބާދީގެ ނިސްބަތުން، ތެލަސީމިއާ ބަލީގެ މީހުން އެންމެ ގިނަ އެއް ޤައުމެވެ. ރާއްޖޭގެ މިވަގުތުވެސް، ގަވާއިދުން ލޭ އަޅަންޖެހޭ 650 މީހުން އެބަތިއްބެވެ.
ހަމައެކަނި ތެލަސީމިއާ ކުދިންނަށް އެކަނިވެސް މަހެއްގެ މައްޗަށް 900އަށްވުރެ ގިނަ ޕައިންޓްގެ ލޭ ބޭނުންވެއެވެ. އަދި އެހެނިހެން ތަފާތު ބަލިތަކާއި އޮޕަރޭޝަންތަކުގެ ބޭނުންތަކަށް 1400އެއްހާ ޕައިޓް ލޭ ބޭނުންވެއެވެ. މި ޢަދަދުތަކުންވެސް ހާމަކޮށްދެނީ މިކަމަށް ބޭނުން ޖެހިފައިވާ މީހުންގެ ނިސްބަތެވެ. ނަމަވެސް ތެލަސީމިއާ ކުދިން، އަދި އެހެނިހެން ޙާލަތްތަކުގައިވެސް ލޭ ބޭނުންވާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ބޭނުންވާ ހާލަތްތަކުގައި އެކަމަށް އޮތް ދަތިކަމެވެ.
ދަރުމައަށް އެދިގެން ލޭ ހަދިޔާ ކުރާ މިހުންގެ ނިސްބަތް ރާއްޖޭގައި ބޮޑުތަނުން މަދެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދަރުމައަށް އެދިގެން ނުވަތަ އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރާ މީހުންގެ ނިސްބަތަކީ %5 މީހުންނެވެ. ދެން މުޅިންވެސް ހިމެނެނީ ބަލި ޙާލަތާ ގުޅިގެން ޕޭޝަންޓުން އަމިއްލައަށް ހޯދާ ޑޯނަރުންނެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބެޗްލާސް އޮފް އާރޓްސް"ގެ ދަރިވަރުން އިސްނަގައިގެން، ދަރުމައަށް ލޭ ޙަދިޔާކުރާ މީހުންގެ ނިސްބަތް އިތުރުކުރުމުގެ ޚާއްސަ ކެމްޕެއިނެއް މިވަނީ ފަށާފައެވެ. އެތަށް ބައެއްގެ ސަމާލުކަމަށް އައިސްފަވާ "އަތުކުރި އޮޅާލަމާ" މި ކެމްޕެއިންއަކީ ދަރިވަރުންތަކެއް އިސްނަގައިގެން، ޤައުމީ ފެންވަރެއްގައި ފަށާފައިވާ ކެމްޕެއިނެކެވެ.
ކެންޕެއިންގެ ޓީމުން ބުނީ "އަތުކުރި އޮޅާލަމާ" މި ނަން ދީފައިވަނީ ވަރަށް ޚާއްސަ މަޤްސަދެއްކަމަށާއި މިކަމުން ދޭހަކޮށްދެނީ، ލޭދިނުމަށް އެންމެ ގުޅިގެން އަތުކުރި އޮޅާލާ، އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމަށްކަމަށެވެ. މި ކެމްޕެއިންގެ މަޤުޞަދުތަކުގެތެރޭގައި ޤައުމުގައި އޮތް ޞިއްޙީ މިފަދަ ކަމެއްގައި އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމާއި ލޭ ދިނުމަށް ޞިއްޙަތު ރަނގަޅު ޖީލެއް ބިނާކުރުމަށް ހޭލުންތެރިކުރުންވެސް ހިމެނެއެވެ.
މި ކެމްޕެއިންގެ ދަށުން، އަމިއްލައަށް އެދިގެން ލޭ ދޭ މީހުންގެ ނިސްބަތް އިތުރުކުރުމަށް ޚާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފަވާއިރު، ލޭ ހަދިޔާކުރުމުގެ ބޭނުން މުޖުތަމަޢުގައި އޮތް މިންވަރާއި މިކަމަށް މީހުން ހޭލުންތެރިކުރުމާއި އަދި ޞިއްޙީ ގޮތުން މިކަމުގައި ހުރި ފައިދާތަކަށް މުޖުތަމަޢު ހޭލުންތެރިކުރުންވެސް ހިމެނެއެވެ.
މުޖުތަމަޢުގައި ލޭ ދިނުމާއި ގުޅޭގޮތުން އޮތް ވިސްނުން ބަދަލުކޮށް، އަމިއްލައަށް އެދިގެން މިކަމަށް ވީހާވެސް ގިނަ މީހުން ނިކުތުމަކީ މި ކެމްޕެއިންގެ ޢަމާޒެވެ.