ޚަބަރު

ފިކުރީ މުދާ ހިމާޔަތްކުރުމަށް "ޕޭޓަންޓާ" ބެހޭ ޚާއްސަ ބިލެއް!


  • ޕޭޓަންޓާއި ބެހޭ ބިލްގެ މަސައްކަތްކުރަނީ "ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން"އާއި ގުޅިގެން

  • މިހާރުވަނީ ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއަރުވުމަށް ޚާއްސަ އޮފީހެއް ޤާއިމުކުރުމުގެ ބިލް ތަސްދީޤުކޮށްފައި

ފިކުރީ މުދާ ޙިމާޔަތްކުރުމަށްޓަކައި "ޕޭޓަންޓާ" ބެހޭ ޚާއްސަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ މިމަސައްކަތް ކުރަމުންދަނީ ދުނިޔޭގެ ފިކުރީ މުދަލާއި ބެހޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކުގައިކަމަށެވެ.

"ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން"ގެ ކޮންސަލްޓަންޓް ހެރްމަން ކޯރޓެސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޓްރޭޑްމާކު ބިލް ޤާނޫނަކަށް ވުމާއެކު، ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށެވެ. އަދި މިމަސައްކަތް ކުރައްވަމުންދަނީ މިކަމުގެ ތަޖުރިބާކާރު އިދާރާއެއްކަމުގައިވާ "ވޯލްޑް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮގަނައިޒޭޝަން"ގެ އެހީތެރިކަމާއެކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަރލެކްޗުއަލް ޕްރޮޕަޓީއާއި ބެހޭ އޮފީހެއް ޤާއިމުކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ފިކުރީ މުދަލާއި ރައްޔިތުންގެ މުދާ ޙިމާޔަތްކުރުމުގައި ޒަމާންތަކެއްވަންދެން އެތައް ބައެއްގެ ކަންބޮޑުވުމާއި ގުޅިފައިވާ ފިކުރީ މުދަލުގެ އަދި ކޮޕީރައިޓްގެ މައްސަލަތަކާއި ގުޅިފައިވާ މުހިއްމު މަސައްކަތްތަކެއް ޤާނޫނީގޮތުން މިވޭތުވެދިޔަ 2 އަހަރުގެ ތެރޭގައިވަނީ ކުރައްވާފައެވެ. އެގޮތުން ކޮޕީރައިޓް ޤާނޫނަށް ސަރުކާރުން ގެނައި އިސްލާޙުތަކަކީ ޒަމާނާއި ގުޅޭ އަދި އުފެއްދުންތެރިންނާއި ފަންނުވެރިންގެ ބުރަ މަސައްކަތްތަކާއި އަދި އެފަރާތްތަކުގެ ޙައްގުތައް ހިމާޔަތްކުރެވޭނެ ފަދަގޮތަކަށް ގެނެސްފައިވާ އިސްލާޙުތަކެއްކަން އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

މިދާއިރާއިން ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ ރާއްޖެއިންވަނީ މިހާރު ލިޔުންތެރިކަމާއި ފަންނުވެރިކަން ހިމާޔަތްކުރުމަށްޓަކައި 1979 ވަނަ އަހަރު އެކުލަވާލާފައިވާ "ބާން ކޮންވެންޝަން"ގައި ރާއްޖެއިން މިހާރު ބައިވެރިވެފައިވާކަމަށެވެ. އަދި މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުން ޙާސިލުކޮށްފައިވާ މުހިއްމު މަސައްކަތްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ސަރުކާރުން ވީ ވަޢުދު ފުދިގެންދާ މަންޒަރުތައްކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށައެޅި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއަރުވާ އޮފީސް އުފެއްދުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ތަސްދީޤުކުރައްވާފައެވެ. އަދި މިމަހުގެ ތެރޭގައި ސަރުކާރުން ހުށައެޅި ފިކުރީ މުދާ ޙިމާޔަތްކުރުމުގެ ބިލް ކަމުގައިވާ"ޓްރޭޑްމާކް" ބިލް މަޖިލީހުންވަނީ ފާސްކޮށްފައެވެ.