ޚަބަރު

އަތޮޅު ކައުންސިލްތަކަކީ، ލާމަރުކަޒީ ނިޒާމުގައި ބުރަ ބޮޑު ލޭޔަރެއް: ޝުޖާއު


  • - ކައުންސިލްތައް އުވާލުމުން ރަށު ކައުންސިލްތައް އިތުރަށް ހަރުދަނާ ވާނެ

  • - ރަށު ކައުންސިލްތަކުގެ ހިންގުމުގެ އޮނިގަނޑަށްވެސް ބަދަލު އަންނަންޖެހޭ

އަތޮޅު ކައުންސިލްތަކަކީ، ލާމަރުކަޒީ ނިޒާމުގައި ބުރަ ބޮޑު ލޭޔަރއެއް ކަމަށާއި އެ ލޭޔަރ ނައްތާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް އިސްލާޙު ހުށަހަޅުއްވައި ބަހުސް ކުރައްވަމުންނެވެ.

ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާޙުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ޕާޓީން ވަކިކޮށްފި ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑިއާ ގުޅޭގޮތުން ގޮތް ނިންމުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ވަނީ ހިމަނުއްވާފައެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާޙުތައްވެސް މި ބިލުގައި ވަނީ ހިމަނުއްވާފައެވެ.

ބިލަށް ބަހުސް ކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ، ޕާޓީން ވަކިކުރާ ހާލަތުގައި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އެންމެފަހު ބަސް ބުނުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ގެނެވޭ އިސްލާޙެއް ކަމަށެވެ. އަދި އަތޮޅު ކައުންސިލް އުވާލުމަށް ސަރުކާރުން ނިންމަވާފައިވަނީ، އެއީ ލާމަރުކަޒީ ނިޒާމުގައި އުފެދިފައިވާ އިތުރު ލޭޔަރ އަކަށްވާތީ ކަމަށާއި، އެ ކައުންސިލްތައް އުވާލުމުން ރަށު ކައުންސިލްތައް އިތުރަށް ބާރުވެރިވެ، ހަރުދަނާ ވެގެންދާނެ ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ، ރަށު ކައުންސިލްތަކުގެ އޮނިގަނޑު މިހާރު އޮތްގޮތުން ހިންގުމުގައި ދަތިތަކާއި ދިމާވާ ކަމަށާއި، މާލެ ސިޓީ ކައުންސިލާ އެއްގޮތަށް ރަށު ކައުންސިލްތަކުގެ ހިންގުމުގެ އޮނިގަނޑަށްވެސް ބަދަލު އަންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މާލެ ސިޓީ ކައުންސިލްގައި އޮންނަ ނިޒާމު ރަށު ކައުންސިލްތަކަށް ގެނެސްފިނަމަ ހިންގުން މާ ހަރުދަނާވާނެ. ރަށްރަށުގެ ކައުންސިލްތައް ހިންގުމަށް މިހާރު އޮތް ސްޓްރަކްޗާގައި ވަރަށް ގިނަ ދަތިތަކާ ކުރިމަތިވޭ. އެގްރިމަންޓް ޑްރާފްޓް ކުރުމަށް ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކުރަން ޖެހެނީ. ނަމަވެސް މާލެ ކައުންސިލްގައި ލީގަލް އޮފިސަރެއް ހުރޭ. ސާވެއަރުން ތިބޭ. ޑިޒައިނަރުން ތިބޭ ނަމަވެސް ރަށު ކައުންސިލްތަކަށް އެފުރުސަތު ނޯވޭ. އެހެންވެ ރައީސްގެ ވިސްނުމަކީ، ރަށު ކައުންސިލްތައް ހަރުދަނާކޮށް ބާރުވެރިކޮށް ސްޓްރަކްޗަރ ވަރުގަދަކުރުން،" ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވިއެވެ.

މި ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ، އަތޮޅު ކައުންސިލް އުވާލުމަށް ތާޢީދު ކުރައްވާފައެވެ. ނަމަވެސް މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާޙަށް ތާޢީދު ނުކުރައްވާ ކަމަށް ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން މި އިސްލާޙުގެ ސަބަބުން އެއް ގޮނޑިއަކަށް ދެ އިންތިޚާބު ބާއްވަން ޖެހި ޚަރަދު ބޮޑުވާނެ ކަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ. އަދި ވަކި ސިޔާސީ ޕާޓީއަކަށް ތާޢީދުކޮށް ރައްޔިތުން އިންތިޚާބު ކުރާ މެންބަރަކު އެޕާޓީން ވަކިވާ ހާލަތުގައި ދެވަނަ ފަހަރަށް އިންތިޚާބުވާން ޖެހޭނީވެސް ރައްޔިތުންގެ ޢާންމު ވޯޓަކުން ކަމަށް ޤަބޫލުކުރައްވާ ކަމަށް މެންބަރުން ވިދާޅުވިއެވެ.

މި ބިލުގައި ގުޅުން ނެތް ދެ މާއްދާއަކަށް އިސްލާޙު ހުށަހަޅުއްވާފައިވުމުން ބައެއް މެންބަރުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ނަމަވެސް އެގޮތަށް ބިލު ހުށަހެޅޭނެ ކަމަށާއި، ބިލު ތަޅުމާ ހަމައަށް ގެންގޮސްފައިވަނީ، މަޖިލީހުގެ ޤާނޫނީ ޓީމުން ބެލުމަށްފަހު ކަމަށްވެސް ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.