ޣައްޒާގެ މުސްލިމުން ކަތިލަމުންދިޔަ ޔަހޫދީންނަށް ޖަރުމަނުވިލާތުން ހަތިޔާރު ވިއްކުން ހުއްޓާލާފައި އޮތުމަށް ފަހު އަނެއްކާ ވެސް ޔަހޫދީންނަށް ހަތިޔާރު ވިއްކަން ފެށުމަށް އެ ޤައުމުން ނިންމައިފިއެވެ.
ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަަމަށްވާ އެމެރިކާއަށް ފަހު ޔަހޫދީންނަށް އެންމެ ގިނަ ޢަދަދަކަށް ހަތިޔާރު ފޯރުކޮށްދެނީ ޖަރުމަނުވިލާތުންނެވެ. ޔަހޫދީން ޣައްޒާއަށް އޭރު ދެމުންދިޔަ ޙަމަލާތަކާ ދެކޮޅަށް މުޅި ދުނިޔެއިން އަދުއުފުލަމުން ދަނިކޮށް މިިިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޖަރުމަނުވިލާތުން ވަނީ ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑާލައިފައެވެ. އެ ނިންމުމުގެ ދަށުން ޔަހޫދީންނަށް ފޯރުކޮށްދިނުން ހުއްޓާލާފައި ވަނީ ހަމައެކަނި ޣައްޒާއަށް ޙަމަލާ ދިނުމަށް ބޭނުންކުރާނެ ކަމަށް ބެލެވޭ ހަތިޔާރެވެ. އެހެނިހެން ހަތިޔާރު ފޯރުކޮށްދިނުން އޭރު ވެސް ހުއްޓާލައިފައެއް ނުވެއެވެ.
ޖަރުމަނުވިލާތުން މިހާރު ވަނީ ނޮވެމްބަރު މަހުގެ 24ވަނަ ދުވަހުން ފެށިގެން އަނެއްކާ ވެސް ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ނިންމާފައެވެ. ނަމަވެސް ހަތިޔާރު ވިއްކާނީ ކޮންމެ ހުށަހެޅުމެއް ވެސް ވަކިވަކިން ދިރާސާކޮށްފައި ކަމަށް އެ ޤައުމުން ބުނެއެވެ. ޣައްޒާއަށް ޙަމަލާދޭން ބޭނުންކުރެވޭ ފަދަ ހަތިޔާރު އަލުން ޔަހޫދީންނަށް ވިއްކުމަށް ނިންމި ނިންމުމަކީ ޒިންމާދާރު އަދި ރަނގަޅު ނިންމުމެއް ކަމަށް ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ޔޯހަން ވަޑެފޫލް ވަނީ ވިދާޅުވެފައެވެ.
ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސަރޗް ސެންޓަރުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 2019ވަނަ އަހަރާއި 2023ވަނަ އަހަރާ ދެމެދު ޔަހޫދީން އެތެރެކޮށްފައިވާ ހަތިޔާރުގެ 30 އިންސައްތަ ފޯރުކޮށްދީފައި ވަނީ ޖަރުމަނުވިލާތުންނެވެ. އޭގެ ތެރޭގައި ގިނައީ ޣައްޒާއަށް ޙަމަލާ ދިނުމަށް ޔަހޫދީން ބޭނުންކުރި ހަތިޔާރެވެ. 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހާ ހަމައަށް ޔަހޫދީން ޣައްޒާއަށް ދިން ޢުދުވާނީ ޙަމަލާތަލުގައި 69,000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.